19:00


ކަރަންޓްގެ އަގު ބޮޑުވުމާ ގުޅިގެން އައްޑޫ އަތޮޅު ހިތަދޫގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށްފި އެވެ.


ހިތަދޫގެ އާރުއެފް ސަރަހައްދުގައި ހުންނަ އެރަށު އިންޖީނުގޭ ދޮށަށް މިއަދު ތިން ގަޑި ބައިން ފެށިގެން ގާތްގަނޑަކަށް 400 އެއްހާ މީހުން އެއްވެ ނުރުހުން ފާޅުކުރަމުންދިޔައީ ކަރަންޓްގެ އަގު ބޮޑުވެފައިވާތީއާ އެކަމަށް ޖަވާބު ދާރީވުމަށް ޔުޓިލިޓީޒް ކުންފުނީގެ އެއްވެސް އިސް ވެރިއެއް ވަޑައިގެންފައިނުވާ ކަމަށް ބުނެ އެވެ. އަދި އިންޖީނުގެ ކައިރިއަށް އެއްވި މީހުންގެ ތެރެއިން ބަޔަކު ވަނީ ޔުޓިލިޓީޒް ކުންފުނީގެ ބޯޑުވެސް ހަލާކުކޮށްލާފަ އެވެ.


ހިތަދޫގައި ކުރިއަށްދިޔަ އެ މުޒާހަރާގެ ބައިވެރިއަކު ބުނީ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިންޖީނުގޭ ސަރަހައްދަށް އެއްވީ ކުރިން ކަރަންޓް ބިލަށް ނަގާ ވަރަށްވުރެ އިތުރަށް ޔުނިޓަކަށް ފައިސާ ނަގަމުންދާތީއާ، ކުރިން ރެޑް ނޯޓިސް އައިސްފިނަމަ 25 ރުފިޔާ ޖޫރިމަނާކުރަމުން ގޮސް، ކުއްލިއަކަށް ޖޫރިމަނާގެ ގޮތުގައި މުޅި ބިލްގެ ދެ ޕަސެންޓް ދައްކަންޖެހޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫގެ އިންޖީނުގޭ ސަރަހައްދަށް އެއްވި މީހުން އެސަރަހައްދަށް ގޮސް، ޔުޓިލިޓީޒް ކުންފުނީގެ އިސް ބޭފުޅެއްގެ ޖަވާބެއް ހޯދުމަށް އެދި އިންޖީނުގޭ ތެރެއަށް ވަދެގަތުމަށް މަސަތްކުރުމުގެ ތެރޭގައި ފުލުހުންނާއި އާއްމުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ބައެއް އާއްމުންނަށް ވަނީ އެކިވަރުގެ އަނިޔާލިބިފަ އެވެ. ހިތަދޫގައި މިއަދު ކުރިއަށްދިޔަ އެ މުޒާހަރާ ރޫޅާލާފައި ވަނީ މުޒާހަރާގެ ބައިވެރިން އިންޖީނުގޭ ސަރަހައްދު ދޫކޮށްދިއުމަށްފަހު، ޕްރޮވިންސް އޮފީސް ކައިރިއަށް އެއްވެ އަޑުގަދަކުރަމުން ދަނިކޮށް އާއްމުގެ ތެރެއިން އައި ބަޔަކު އެ މީހުންނާއި ދިމާލަށް ގާއުކަން ފެށުމުންނެވެ.


މިކަމާ ގުޅިގެން ޔުޓިލިޓީޒް ކުންފުނީގެ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އެބޭފުޅުންގެ ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


ފުލުހުން ބުނީ ހިތަދޫގައި ކުރިއަށްދިޔަ އެ މުޒާހަރާގައި އާއްމުގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އެހަމަނުޖެހުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.