19 Apr 2017, 16:26
ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ކުރި ދައުވާއަށް ދެމީހުން ވެސް އިންކާރުކޮށްފި އެވެ.
އެކަން ހިނގާފައި ވަނީ 2012 ވަނަ އަހަރު އެވެ. މައްސަލާގައި 2013 ވަނަ އަހަރު ދައުވާ އުފުލުމަށް ފަހު އަނބުރާ އެމައްސަލަ ގެންގޮސް އަލުން ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ 15 އަހަރުގެ ކުއްޖާގެ މަންމަ، ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމާއި، އެ ކުއްޖާގެ ދޮންބައްޕަ އެ ރަށު ބުލޫހެވަން އަބްދުލް ޣަފޫރު ގާސިމްގެ މައްޗަށެވެ.
އެމައްސަލާގައި ދެމީހުންގެ މައްޗަށް ކުރި ދައުވާއަށް ދެމީހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް މައްސަލައާ ގުޅުން ހުރި އިތުރު އެއްވެސް ވާހަކައެއް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނުދައްކަ އެވެ. އަދި މައްސަލައާ ގުޅުން ހުރި ލިޔުންތައް ހުށަހަޅަން ދައުލަތަށް ވަނީ ފުރުސަތު ދީފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ 2012 އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި އަންހެންކުއްޖާ ވިހެއި ތުއްތު ދަރިފުޅަށް ބަލިވެއިނީއްސުރެ ވިހެއުމާ ހަމައަށް ވެސް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ.
ދައުވާގައި ބުނަނީ އެ ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާ އިރު އޭނާ ބަލިވެއިންކަން ސިއްރުކޮށް އޭނާ ވިހަން އުޅޭކަން އެނގުމުން ވެސް އެ ދެ މީހުން އޭނާ ހޮސްޕިޓަލަށް ފޮނުވާފައި ނުވާ ކަމަށެވެ.
އަދި ސިއްހީ ގޮތުން އެކަށީގެންނުވާ ގޮތަކަށް އެކުއްޖާ ވިހާފައިވާ އިރު ފޭދޫ ވައިމަތީއާގޭ ގިފިލިތެރޭގައި ތުއްތު ދަރިފުޅު ވަޅުލި ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީ އެ ދެ މީހުންގެ ބައިވެރިވުމާއި އިހުމާލުން ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި، ޖަވާބުދާރީވުމަށާއި، ހެކި ހުށަހެޅުމަށް ފުރުސަތު ދޭނެ ކަމަށެވެ.