19 Apr 2017, 12:47
ކްލަބު މޯލްޑިވްސް ކަޕްގެ،18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އިމިގްރޭޝަނުން ސްޓެލްކޯ މައްޗަށް ހަނި ގޮތަކުން ކުރި ހޯދި އިރު ސިފައިންގެ ކުލަބުން ތައުލީމީ ގުޅުން ކޮޅަށް 13 ލަނޑު ޖަހައިފިއެވެ.
ހަމައެކަނި ދިވެހި ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ސްޓެލްކޯގެ މައްޗަށް އިމުިގްރޭޝަނުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި އިމިގްރޭޝަނުގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑާއި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިއާ ރާނީ މުލްޔަ ސާރީއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރެވެ.
ރޭގެ މެޗުގައި ވަނީ މިދިޔަ އަހަރުގެ ވުމެން ފިއެސްޓާގެ ޗެމްޕިއަން އިމިގްރޭޝަންގެ ގޯލް ހުޅުވިގެންގޮސްފަ އެވެ. އެ ޓީމުން މިހާތަނަށް ތިން މެޗު މުބާރާތުގައި ކުޅެފައިވީ ނަމަވެސް ބައިކޮޅަށް ގޯލެއް ވަދެފައެއްނުވެ އެވެ. އިމިގްރޭޝަން ކޮޅަށް މި އަހަރުގެ މުބާރާތަުގައި ޖެހި ފުރަތަމަ ގޯލް ރޭ ކާމިޔާބުކޮށްފައި ވަނީ ސްޓެލްކޯގެ ފާތިމަތް ތީބާއެވެ.
ރޭ ދިވެހި ސިފައިންގެ ކުލަބުން ތައުލީމީ ގުޅުން ކޮޅަށް 13 ލަނޑު ޖެހިއިރު އެ މެޗުގައި އެންމެ ގިނަ ގޯލް ސިފައިނަށް ކާމިޔާބުކޮށްދީފައި ވަނީ އެޓީމަށް ހަތަރު ލަނޑު ޖަހައިދިން މަރިޔަމް ރިފާއެވެ. ތައުލީމީ ގުޅުމަށް ސުންކަނޑުވާލަދިނީ ފާތިމަތް ޖަޒްލީއެވެ.
ެއެ ނަތީޖާއާއެކު ސިފައިންނަށް ލިބެނީ ހަ ޕޮއިންޓާއި އެކު ގުރޫޕް އޭގެ ދެވަނައެވެ. އަދި ތައުލީމީ ގުޅުމަށް ލިބެނީ އެ ގުރޫޕްގެ ފަސްވަނައެވެ.