19 Apr 2017, 10:55
ފެނަކަ ކޯޕަރޭޝަންގެ ވައިގެ ދަތުރުތައް އައިލޭންޑް އޭވިއޭޝަން އިން ހަމަޖައްސައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކޯޕަރޭޓް ޓްރެވެލް އެގްރީމެންޓެއްގައި ފެނަކަ އާއި އައިލެންޑް އޭވިއޭޝަނާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. އަދި އައިލޭންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރިސް އެވެ.
އެ އެއްބަސްވުމާ އެކު، ފެނަކައިން ކުރަން ޖެހޭ އެތެރެއާއި ބޭރުގެ ވައިގެ ދަތުރުތައް ކުރާނީ، މޯލްޑިވިއަން އިންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ހާރިސް ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން އަތޮޅު ތެރޭގެ ރަށްތަކުގެ އިންޖީނުގެތަކަށް އިންޖީނިއަރުން އަދި އެތަނުގެ މުވައްޒަފުން ދާން ޖެހިއްޖެ ހިނދެއްގައިވެސް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ފެނަކައާއި، އައިލެންޑް އޭވިއޭޝަން އާ ދެމެދު ޓްރެވެލް އެގްރީމެންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހާރިސް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"ފެނަކަ އަކީ، ވަރަށް ބޮޑު ނެޓްވޯކެއް. މުޅި ރާއްޖޭގެ އެކި ހިސާބުގައި އޮންނަ އިލެކްޓްރިކަލް ނެޓްވޯކެއް ގެންގުޅުއްވާ ކުންފުންޏެއް. މި އެއްބަސްވުމުގެ ސަބަބުން އެ އިންޖީނުގެތަކަށް ބޭނުންވާ އެކި އެކި ސާމާނު އެތަންތަނަށް އަވަސް މިނެއްގައި، މިހާރަށްވުރެ އަވަސް ގޮތެއްގައި ގެންދިއުމަށް ފަސޭހަވެގެންދާނެ" ހާރިސް ވިދާޅުވި އެވެ.
ފެނަކައާއި، އައިލެންޑް އޭވިއޭޝަން އާ ދެމެދު ޓްރެވެލް އެގްރީމެންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަފުޅު ދަައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން ދަތުރު ފަތުރާއި، ކާގޯ އެކި ދިމަ ދިމާލަށް ގެންދިއުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މުޅި ރާއްޖޭގައި 148 އިންޖީނުގެ ހުރި ކަމަށާއި، މިހާރުގެ ހާލަތު އޮތް ގޮތުން އެއް ރަށުން އަނެއް ރަށަށް އަވަސް މިނެއްގައި އިންޖީނިއަރުންނާއި ސްޕެއާ ފަދަ ތަކެތި ފޮނުވަން ޖެހޭ ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން އެފަދަ ކަންކަން އަވަސް މިނެއްގައި ކުރެވިގެން ދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.