ރާއްޖޭގެ ސްކޫލްތަކުގައި ބުލީކުރުމުގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ ބުލީ ކުރުން ފަދަ ގޯނާތައް ދެނަގެނެ އެކަންކަން ހުއްޓުވުމަށް ސްކޫލުތަކުން ޕުރޮޓުކޯލްތަކެއް ކަނޑައަޅާފަވާ ކަމަށެވެ.

ބުލީ ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ޓީޗަރުންނަށް ތަމްރީނުތައް ދީފައިވާއިރު ކުދިންގެ ލައިފް ސުކިލް ޕްރޮގުރާމްތަކާއި އެކިއެކި މާއްދާތަކުގެ ތެރެއިން ކުދިން ވެސް އެކަންކަމަށް ހޭލުންތެރިކުރަމުން އަންނަ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"މިކަހަލަ ކަންކަން ފުރުސަތު ނުދިނުމަށް މަސައްކަތްތަކެއް އެބަހިނގާ، ހަމައެކަނި ޓީޗަރުންނެއް ނޫން، ކުދިން ވެސް އެކަކު އަނެ ކަކަށް އިހުތިރާމް ކުރުމާއި އަމިއްލަ ނަފްސަށް އިހުތިރާމް ކުރުމަށް ދަސްކޮށްދިނުމުގެ ކަންތައްތަކެއް އެބަހިނގާ،" ޝަފީއު ވިދާޅުވި އެވެ.

މާލޭގެ ސްކޫލެއްގައި ބްލީގެ ޝިކާރައަކަށް ކުއްޖަކުވެގެން އުޅޭ މައްސަލަ ތަހުގީގް ކުރަމުންދާތީ އެކަމުގެ ތަފްސީލެއް ޝަފީއު ވިދާޅެއްނުވެ އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ބްލީ ކުރުމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ދިމާވަމުން އަންނަ ބޮޑު މައްސަލައެކެވެ. ބުލީގެ ޝިކާރައަކަށްވާ ކުދިން ޑިޕްރެޝަންގެ އަސަރުކޮށް ހިތާމަވެރި ހާދިސާތައް ވެސް ހިންގާފައި އެބަހުއްޓެވެ.

ބުލީގެ ޝިކާރައަކަށް ކުއްޖަކުވާއިރު ކުރިއާލާ އެކަންކަން ދެނެގަންނަން ޖެހެ އެވެ. ނަފްސާނީ މައްސަލަތަކަށް ފަރުވާދޭ އެތައް ތަނެއް ރާއްޖޭގައި ހުރެ އެވެ.