19 Apr 2017, 08:56
މުޅި އުމުރުގައި ވެސް ލޯބިވި ހަމައެކަނި ފިރިހެނަކީ ކުރީގެ ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ނާސިރު ހުސައިން ކަމަށް، ކުރީގެ ކާމިޔާބު ބަތަލާ އާޝާ ޕަރޭކް ބުނެފި އެވެ.
ހުސައިން އަދި އާޝާގެ ލޯބީގެ ގުޅުމުގެ ވާހަކަ އަކީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. އާޝާ ފިލްމީ ދާއިރާ އަށް ނެރެދިނީ ވެސް ހުސައިން އެވެ. ނަވާރަސަތޭކަ ފަންސާސް ނުވަ ވަނަ އަހަރު ރިލީޒް ކުރި ހުސައިންގެ ފިލްމު 'ދިލް ދޭކޭ ދޭކޯ' އިން އާޝާ ފިލްމީ ދާއިރާ އަށް ނުކުތުމަށް ފަހު، ހުސައިން އާ އެކު ކާމިޔާބު ހަތް ފިލްމެއްގައި މަސައްކަތް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި 'ތީސްރީ މަންޒިލް' ފަދަ ފިލްމުތައް ހިމެނެ އެވެ.
ހުސައިންގެ ވާހަކަ އާޝާ ދައްކާފައި މިވަނީ އޭނާގެ އޮޓޮބަޔޮގްރަފީ 'ދަ ހިޓް ގާލް' ގަ އެވެ.
އޮޓޯބަޔޮގްރަފީ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އާޝާ ބުނީ، އޭނާގެ ހަޔާތުގައި އެންމެ މުހިންމު މީހުންގެ ވާހަކަ ނުހިމަނައި އޮޓޯގަޔޮގްރަފީ ފުރިހަމަ ނުވާނެ ކަމަށެވެ.
"އާނ. ނާސިރު ސާބް [ނާސިރު ހުސައިން] އަކީ އަހަރެން ހަމައެކަނި ލޯބިވި މީހަކީ. އަހަރެންނަށް މުހިންމު މީހުންގެ ވާހަކަ ނުހިމަނައި އޮޓޯބަޔޮގްރަފީ ވާނީ އެއްވެސް އަގެއް ނެތް އެއްޗަކަށް،" އާޝާ ބުނެފައިވެ އެވެ.
އާޝާ ބުނީ އޭނާ އާއި ހުސައިންގެ ވާހަކަތައް އެންމެ ފުރިހަމައަށް ފޮތުގައި ގެނެސްދިނުމަށް އޭނާ އަށް ފޮތް ލިޔުމަށް އެހީތެރިވި ލިޔުންތެރިޔާ ޚާލިދު މުހައްމަދު ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
އާޝާ ބުނީ އޭނާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރީ، ހުސައިން އާއި އޭނާގެ އާއިލާ ވަކިކުރަން ބޭނުން ނުވާތީ ކަމަށެވެ.
"އަހަރެންނަކީ އެއްވެސް މީހެއްގެ ދިރިއުޅުން ހަލާކު ކުރާނެ މީހެއް ނޫން. އަހަންނާއި ނާސިރު ސާބްގެ އާއިލާ އާ ދެމެދު އެއްވެސް އިރެއްގައި ހިތްހަމަ ނުޖެހުމެއް ނެތް،" އާޝާ ބުންޏެވެ.
ހުސައިން އަކީ އެކްޓަރު އިމްރާން ޚާންގެ ކާފަ އެވެ. އިމްރާންގެ އިތުރުން ހުސައިންގެ ދަރި ނުސްރަތު ވެސް ވަނީ އާޝާގެ ފޮތް ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިވެފަ އެވެ.
އެ ރަސްމިއްޔާތުގައި އިމްރާން އަދި ނުސްރަތު ބައިވެރިވުމުން އާޝާ ވަނީ އެކަން ފާހަގަކޮށްފަ އެވެ. އަދި އެކަމުން އޭނާގެ ދިރިއުޅުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ދެވިފައި ނުވާކަމުގެ އިހުސާސް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.