އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އަތުން 2-1ގެ އެގްރިގޭޓު ނަތީޖާއަކުން މޮޅުވެ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް އެތުލެޓިކޯ މެޑްރިޑުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭ ލެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-1 ނަތީޖާއަކުން އެތުލެޓީކޯ މެޑްރިޑާ އެއްވަރުވީ ނަމަވެސް އެތުލެތިކޯ އިން ސެމީއަށް ދަތުރުކުރީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގު 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައި އޮތުމުން، ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިންނެވެ.

މި މެޗު ފެށިގެން ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުލް ނީގޭ އެވެ. ފިލިއްޕޭ ލުއިސް ތަނަވަސްކޮށްދިން ފުރުޞަތަކުން މި ލަނޑު އޭނާ ކާމިޔާބުކުރީ ބޮލުން ޖަހައި ގޯލްގެ ވާތް ފަރާތު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާ އެކުއެވެ.

ދެވަނަ ހާފުގައި ދެޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެން ދިޔަ ނަަމަވެސް ވަނީ ބޭނުން ކުރެވޭ ގޮތް ނުވެފައެެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ލެސްޓާ އަށް އުންމީދު އައުކޮށްދިނީ 61 ވަނަ މިނިޓްގައި ޖެމީ ވާޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭރިއާ މެދުގައި ހުރެ ވާޑީ ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ކަނާތްފަރާތު މަތީ ކަނަށެވެ.

ވާޑީގެ މި ގޯލަކީ 2012 ވަނަ އަހަރަށް ފަހު އިނގިރޭސި ކުޅުންތެރިއަކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ގޯލެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ލީގުގެ ކުއާޓަރ ފައިނަލުގައި ލަނޑެއް ކާމިޔާބުކޮށްފަވަނީ ޗެލްސީގެ ތަރި ފްރެންކް ލަމްޕާޑެވެ.

މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ލެސްޓާ އެހާ ހިސާބަށް ދަތުރުކުރީތީ، ލެސްޓާ ސަޕޯޓަރުންވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށް މެޗުގެ ކުރިން ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.