19 Apr 2017, 09:18
އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމާ ހިސާބުން ނިންމާލައިގެން ނުވާނެ ކަމަށާއި ބޭރުގެ ހިއްސާގެ ބާޒާރުތަކުގައި ވެސް ލިސްޓުވެ، ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ގޮވާލައްވައިފި އެވެ.
އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުވެފަ އެވެ. އަދި މިއަދު އެކުންފުނީގެ ޕްރޮސްޕެކްޓަސް އިއުލާން ކޮށްފައިވާ އިރު، އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެކުންފުނީގެ ހިއްސާ ރާއްޖޭގައި އާންމުންނަށް ވިއްކަން ފަށާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސް އިއުލާނުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، އުރީދޫގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދިނުމަކީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ މަންޒަރެއް ކަމަށެވެ.
އޭޕްރީލް 18، 2017: އުރީދޫ މޯލްޑިވްސް ޕލކގެ ޕްރޮސްޕެކްޓަސް ރަސްމީކޮށް ލޯންޗުކޮށް، އެކުންފުނީގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ހިއްސާ ގަތުމަށް ހުށަހެޅުމަކީ ކާމިޔާބު ކުންފުނިތަކުގެ ވިޔަފާރިއާއި ފައިދާގައި އާންމުންނަށް ބައިވެރިވުމަށް ރަނގަޅު ފުރުސަތެއް. އުރީދޫއިން އެކުންފުނީގެ 40 ޕަސަންޓާ ހަމައަށް ހިއްސާ ވިއްކުމަށް ނިންމާފައިވޭ. މިއީ ދިވެހި ރައްޔިތުންގެ ފައިސާ އިންވެސްޓްކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް،" ޑރ. އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ އުރީދޫގެ ހިއްސާ ގަތުމުގެ ދައުވަތު އާންމުންނަށް ދިނުމަކީ ރާއްޖޭގެ އިކުއިޓީ މާކެޓު ފުޅާވެ، ސަރަހައްދީ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެ އަށް ހޯދުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި އުރީދޫ އިން ރާއްޖޭގެ ހިއްސާގެ ބާޒާރާ ހިސާބުން ނިންމާލައިގެން ނުވާނެ ކަމަށާއި، ބޭރުގެ ބާޒާރުތަކުގައި ވެސް ލިސްޓުވެ، އާމްދަނީއާއި ފައިދާ އިތުރުކުރުމަށް ގަވަރުނަރު ގޮވާލެއްވި އެވެ.
މީގެ އިތުރުން އަޒީމާ ވިދާޅުވީ ޕަބްލިކް ލިމިޓެޑް ކުންފުނިތައް އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދު ތަރައްގީވެ، ހިއްސާގެ ބާޒާރު ވެސް ތަރައްގީވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
"ހިއްސާގެ ބާޒާރަކީ އިންޑިވިޖުއަލް އިންވެސްޓަރުންނަށް، ކާމިޔާބު ބޮޑެތި ކުންފުނިތަކުގައި ބައިވެރިވު، އިގްތިސާދީ މަސައްކަތުގައި ބައިވެރިވެ ފައިދާ ހޯދުމަށް ލިބޭ ފުރުސަތެއް،" ގަވަރުނަރު ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ، ހިއްސާގެ ބާޒާރާއި އެ ބާޒާރުގެ ޕަފޯމަންސަކީ އިގްތިސާދުގެ ހާލަތު މިންކުރުމަށް ބޭނުންކުރާ އިންޑިކޭޓަރެއް ކަމަށެވެ. އެހެންކަމުން މިހާރަށް ވުރެ ގިނަ ކުންފުނިތަކުން ހިއްސާގެ ބާޒާރުގައި ލިސްޓުވެ، ހިއްސާ ގަތުމަށް އާންމުންނަށް ހުށަހަޅާ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ދެ ކުންފުނި ވެސް ހިއްސާގެ ބާޒާރުގައިވާ އިރު، ޒުވާނުންނަކީ ހިއްސާގެ ބާޒާރަށް އަހުލުވެރި، އަދި އެ ބާޒާރުގައި ހަރަކާތްތެރި ޒުވާނުންތަކަކަށް ވުމަށް ދެ ކުންފުނިން ވެސް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.