19 Apr 2017, 00:23
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން އިސްނަގައިގެން އެ މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ސާވިސް މުވައްޒަފުންނަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ބޭސިކް ސައިން ޓްރެއިނިންގް ކޯސް ނިންމައިލައިފިއެވެ.
އެ ކޯސް ހިންގުމުގެ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކުގައި، އަޑުއިވުމުން މަހުރޫމުވެފައިވާ ކުޑަކުދިންނާއި މީހުނަށް ފަސޭހައިން މުއާމަލާތުކުރަން ދަސްކޮއްދީ، އެ ފަރާތްތަކަށް ފޯރުކޮއްދޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކުރުން ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް، ތިން ބެޗަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އެ ޓްރެއިނިންގްގައި އެ މިނިސްޓްރިގެ 54 މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ 20 އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެއާއި އަތޮޅުތަކުން ވަޒީފާ ދެއްވާފައިވާ ދައުލަތުގެ ކުންފުނިތަކުގެ ކަމާބެހޭ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

ސަރުކާރުގެ އެކި މުއައްސަަސާތަކަށް އަމާޒުކޮށްގެން ސައިން ލެންގުއޭޖް ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ޓްރެއިނިންގް ކޯސް ނިންމާލުމުގެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޖެންޑާ އެންޑް ފެމިލީ ޒެނިޝާ ޒަކީ ވިދާޅުވީ، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކުރުމާއި އެ ފަރާތްތަކަށް އިހުމާލުވުމާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ކޮންމެ މަހަކުވެސް މިނިސްޓރީއަށް ހުށަހެޅޭ،" ކަމަށެވެ.
އަދި ނިމިގެން ދިޔަ ޓްރެއިނިންގ މެދުވެރިކޮށް، ބައިވެރިންނަށް ލިބުނު ފަންނީ ގާބިލްކަމުގެ ސަބަަބުން އެފަދަ މައްސަލަތަށް ތަހުގީގުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އިންޓަވެންޝަންތަކާއި އެހީތެރިކަން ފޯރުކޮއްދިނުމަށް އެ ދާއިރާތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރު ޒެނިޝާ ވިދާޅުވިއެވެ.