ރަށްރަށުގެ އަތޮޅުގެތަކަކީ އެއްވެސް ފަރާތަކަށް ރަޖިސްޓްރީކޮށްދީފައި ހުރި ތަންތަނަށް ނުވާތީ، އަތޮޅުގެތައް ކައުންސިލްތަކުގެ އިދާރާތަކާ ހަވާލުނުކޮށް، ސަރުކާރުން އުފައްދާފައިވާ ގައުމީ އިދާރާތަކުގެ ބެލުމުގެ ދަށުން ހިންގުމަށް ކެބިނެޓުން ނިންމަވައިފި އެވެ.

މިއަދު ނެރުނު ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން ޖޫން 14، 2011ގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ނިންމެވުންތަކުގެ ތެރެއިން ދެވަނަ އަށް ބުނެފައި ވަނީ، އަތޮޅުގެތައް ގައުމީ އިދާރާތަކުން ބަލަހައްޓާ ގޮތަށް ހަމަޖެއްސީ ރަށްރަށުގައި ހުރި ބިންބިމާއި އިމާރާތްތަކުގެ ތެރެއިން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލުކުރާނެ ތަންތަނާ ބެހޭ ގޮތުން މެމްބަރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ގެޒެޓުގައިވާ ގޮތުން އަތޮޅުގެތަކަކީ އެއްވެސް ފަރާތަކަށް ރަޖިސްޓްރީކޮށްދީފައި ހުރި ތަންތަނެއް ނޫނެވެ. އެހެންކަމުން، އެ ތަންތަން ގައުމީ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިއުމަށް، ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް ވަނީ ނިންމައިފަ އެވެ.

އަތޮޅުގެތައް ގައުމީ އިދާރާތަކުގެ ދަށުން ހިންގާ ގޮތަށް ސަރުކާރުން މި ހަމަޖެއްސީ ބައެއް ރަށް ރަށުގެ ކައުންސިލްތަކުގެ މެމްބަރުން އަތޮޅުގެތަކުގައި ދިރިއުޅުމަށް ގައުމީ އިދާރާތަކުން ހުރަސްއަޅާތީ، ކުއްޔަށް އުޅޭ ތަންތަނަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އަދި ކައުންސިލްތަކުގެ ނުރުހުމުގައި ސަރުކާރުން އަތޮޅުގެތައް ބޭނުންކުރާ މައްސަލަތަކެއް ވެސް މީޑިއާގައި ފެންމަތިވެފައިވަނިކޮށެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކުރީގެ އަތޮޅު އޮފީހާއި ރަށު އޮފީސްތަކުގެ އިހުތިސާސްގެ ދަށުގައި ހުރި ތަންތަން ބަދަލުވާނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރާއަށެވެ. އެހެންނަމަވެސް، ސަރުކާރުން ވަނީ ކައުންސިލްތައް ހުވާކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި މުދަލާއި އުޅަނދުފަހަރު ފުލުހުންނާ ހަވާލު ކުރުމަށް އަންގައިފަ އެވެ. ބައެއް ކައުންސިލްތަކުން އެކަމާ ދެކޮޅު ހެދުމުން ފުލުހުންގެ ބާރު ވެސް ބޭނުންކޮށްފައިވެ އެވެ.

ރަށްރަށުގައި ހުރި ބިންބިމާއި އިމާރާތްތަކުގެ ތެރެއިން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލުކުރާނެ ތަންތަން، ކައުންސިލްތަކާ ހަވާލުކުރުމުގެ ރަސްމީ ޕްރޮގްރާމް ސަރުކާރުން ފެށީ މިދިޔަ މަހުގަ އެވެ.