18 Apr 2017, 20:18
ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް، ނުވަތަ ފްރީ ޓްރޭޑް އެގްރިމެންޓެއް ހެދުމުގެ ދައުވަތު ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން)އަށް ދީފިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ރާއްޖެއިން ޗައިނާ އަދި ހޮންގްކޮންގްއާ އެކު މިހާރު ކުރަމުންދާ އިރު، މިދިޔަ އަހަރު ސަރުކާރުން ވަނީ އިނގިރޭސި ވިލާތް، އެމެރިކާ އަދި ޖަޕާނަށް ވެސް މިފަދަ އެވެ.
އިިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ވަނީ މި ދައުވަތު ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ވެސް ދީފައެވެ. ޔޫރަޕިއަން ޔޫނިއަނަކީ ވިލާތުގެ 28 ގައުމެއް ހިމެނޭ ސިޔާސީ އަދި އިގްތިސާދީ އިއްތިހާދެކެވެ.
މިނިސްޓަރު ވިދާޅުވީ، ދައުވަތު ދިން ފަރާތަށް އެންމެ އެކަށޭނަ ވަގުތެއްގައި މަޝްވަރާތައް ރާއްޖެއިން ފެށުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާ ކަމަށެވެ.
"އެބޭފުޅުންނަށް އެންމެ އެޕްރޮޕްރިއޭޓް ޓައިމެއްގައި ނެގޯސިއޭޝަންސް ފެށުމަށް ރެޑީކަމަށް އަޅުގަނޑުމެން ދަންނަވާފައި ވާނީ. އަޅުގަނޑުމެން ވާނީ ތަފާތު މާކެޓުތަކަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ވިލާތުގެ އިއްތިހާދުގެ އިތުރުން، މަޝްވަރާއަށް ރާއްޖެއިން ދައުވަތު ދީފައިވާ އެމެރިކާ، އިނގިރޭސި ވިލާތް އަދި ޖަޕާނުގެ ފަރާތުން ނެގަޓިވް އިޖާބައެއް އައިސްފައެއް ނުވެއެވެ.
ނިމިދިޔަ މާޗު މަހުގެ ފަހުކޮޅު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ރާއްޖޭގެ އިގްތިސާދާއި، އެގައުމުގެ ސަރުކާރާއި ވިޔަފާރިވެރިންނާ ހިއްސާ ކުރައްވައިފައެވެ.
ރާއްޖެއާ ޗައިނާއާ މެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާތައް މިހާރު ކުރިޔަށް ދާ އިރު، ދާދި ފަހުން ސަރުކާރުން ވަނީ ހޮންގްކޮންގްއާ އެކު ވެސް މަޝްވަރާތައް ފަށައި، އޭގެ ދެވަނަ ބުރު ރާއްޖޭގައި ބާއްވައިފައެވެ.