18 Apr 2017, 16:35
މާލޭ ސްކޫލެއްގައި ދަރިވަރަކަށް ބުލީކުރި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
ބުލީ ކުރުމުގެ ސަބަބުން އެ ކުއްޖާ އަމިއްލައަށް މަރުވާން ބޭނުންވެގެން ވަނީ ލައްފިލުވާ ފުޅިއެއް ބޮއިފަ އެވެ. ނަމަވެސް ހާލު އެހާ ސީރިއަސް ނުވަނީސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ސަން އަށް މައުލޫމާތު ދިން އެ ކުއްޖާގެ އާއިލާގެ މެންބަރަކު ބުނީ ފުލުހުންގެ ވިކްޓިމް ސަޕޯޓު އަދި ފެމިލީ އެންޑް ޗިލްރެން ޕްރޮޓެކްޝަން ޑިޕާޓުމެންޓުން އެކުއްޖާއާއި އާއިލާއާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އާއިލާއާއި ސްކޫލުގެ މެނޭޖުމެންޓުން ވެސް ބައްދަލުކޮށްފައިވާ ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.
"މެނޭޖުމެންޓުން ބުނި ދެން އެ މައްސަލަ ބަލާނީ އެޑިއުކޭޝަނުންނޭ. އަދި އެޑިއުކޭޝަނަށް އަންގާފައިވާ ކަމަށް. ދެން ވީހާ އަވަހަކަށް އެ މައްސަލަ ބަލާދޭނެ ކަމަށް ވެސް ބުނި،" އާއިލައިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އާއިލާއިން މިއަދު އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން މަސައްކަތްކުރި ނަމަވެސް، ކަންކަން ދިޔަގޮތުން މިޔަދު އެކަން ނުވި ކަމަށާއި ނަމަވެސް މާދަމާ އެ މައްސަލަ އެ ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށް އާއިލާއިން ބުންޏެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ޖަސްޓިސް. ސްކޫލްގައި ދަރިވަރުން ހިންގާ ގޯސް ކަމެއް ރިޕޯޓް ކުރީމާ ބުލީކޮށް ކުއްޖާގެ ކިޔެވުން މި ގެއްލުނީ، މިއީ ކިޔެވުމުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އައި ދަރިވަރެއް. އަޅުގަނޑުމެން އެދެނީ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ އެންމެ އިންސާފުވެރި ގޮތަކަށް ބަލައިދިނުން،" އާއިލާއިން ސަން އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.