ހޮލިޑޭއިން ކަނޑޫމާ ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ ރޭ 8:30 ގައި ކަމަށާއި މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ޗައިނާ ފަތުރުވެރިއެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ މޫދަަށް ދިޔައީ އަންހެނުންނާއި އެކު އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. އަދި ގެއްލިގެން ހޯދަމުން ދަނިކޮށް ފަތުރުވެރިޔާ މަރުވެފައި އޮތްވާ ފެނިފައި ވަނީ އިރު އޮއްސެނިކޮށް އެ ރިސޯޓްގެ އަތިރި މަތިންނެވެ.

އޭނާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ މަހު ކުރީކޮޅުގައި ވެސް ވަނީ ފަތުރުވެރިޔަކު ގެނބިގެން މަރުވެފައެވެ. އެ ފަހަރު ގެނބިގެން މަރުވެފައި ވަނީ ހަނިމާދޫ ބެއާފުޓް އެކޯގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 85 އަހަރުގެ އިޓަލީ ފިރިހެނެކެވެ.