ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ ފިލްމު، "ނޭދެން ވަކިވާކަށް" އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފިއެވެ.

"ސަން" އާ ވާހަކަދައްކަމުން މާއެނބޫ ބުނީ، ސެޕްޓެމްބަރު މަހުގެ 27 ގައި ފިލްމު އޮލިމްޕަހަށް އަންނާނެ ކަމަށާއި ފިލްމު އެޅުވުމުގެ ކުރިން އޮލިމްޕަހަށް ދައްކަން ޖެހޭ ހުރިހާ ޕޭމަންޓެއް ދައްކައި ނިމިފައިވާކަމަށެވެ.

"ނޭދެން ވަކިވާކަށް"، އެ ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަހުދީ އަހުމަދުގެ ވަރަށް ތަފާތު ވާހަކަ އެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މާއެނބޫ ބުނީ، މަހުދީ ވަރަށް މޮޅު ވާހަކައެއް ލިޔެފައިވާކަމަށާއި މިފަހަރުގެ ފިލްމު ވަރަށް ތަފާތުވާނެ ކަމަށެވެ.

"ނޭދެން ވަކިވާކަށް" ގެ ޕޯސްޓަރެއްގައި ޖާދު އާއއި އަޒޫ----

" މަހުދީ އަކީ ވަރަށް މޮޅު މީހެއް. އޭނަގެ ވަރަށް ފުރިހަމަ ވާހަކައަކަށް ހަދާ ފިލްމެއްމީ. ތަފާތު ވާނެ. އެ ތަފާތު ސްކްރީނުން ބަލާލަން އިންތިޒާރުކޮށްލާ" މިހާތަނަށް 11 ފީޗާ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިފައިވާ މާއެނބޫ ބުންޏެވެ.

"ހަގުއަނބި"ން ޑައިރެކްޓަރެއްގެ ދަތުރު ފެށި މާއެނބޫގެ މިފަހަރުގެ ފިލްމަކީ، ބަދުނަސީބު އަންހެން ކުއްޖެއްގެ ދިރިއުޅުމަށްދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އއ. ތޮއްޑުއާއި މާލެ އަދި ހުޅުމާލޭގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "ނޭދެން ވަކިވާކަށް" ގެ ލީޑުރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތިމަތު އާޒިފާ (އަޒޫ) އަދި ޖާދުއްﷲ އިސްމާއިލް (ޖާދު) އެވެ.

މިތަރިންނާ އެކު ދެން ފެންނާނީ ނާޝިދާ (ނާއްކޮ)، އަހްމަދު އަޒްމީލް، އަހްމަދު ސައީދާއި އާރިފާ އިބްރާހީމް އަދި އިބްރާހީމް ރިޔާޒް (ބައޯ)އާއި އަލީ ޝާހިދު (ސްޓެޕްއައްޔަ) ފަދަ ތަރިންގެ އެކްޓިންނެވެ.

މާއެނބޫ ބުނީ، ހުރިހާ ތަރިންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ ކަމަށާއި ތޮއްޑޫ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ވަރަށް ފާހަގަކުރާ ކަމަށެވެ.

"ނޭދެން ވަކިވާކަށް" ގެ ޕޯސްޓަރެއްގައި ނާއްކޮ---

" ވަރަށް ފާހަގަ ކުރަން ބޭނުން ތޮއްޑޫ މީހުން ދިން އެއްބާރުލުން، ހާއްސަ ކޮށް ( ޝަޒްލީން، ރައުބެ އަދި ޖުނެއްތަ) ދިން އެއްބާރުލުން ވަރަށް ފާހަގަ ކުރަން. ދެން މީގަ އުޅޭ އެކްޓަރުން. ޖާދުގެ ފުރަތަމަ ފިލްމާ ބަލާފަ އޭނަގެ އެކްޓިން ވަރަށް މޮޅު. ޔޫއްޕެގެ ރޯލުވެސް ވަރަށް ތަފާތު ވާނެ،" ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މާއެނބޫ ބުންޏެވެ.

ހަތަރު ލަވަ ހިމެނޭ "ނޭދެން ވަކިވާކަށް" އާ ގުޅެގޮތުން އިތުރަށް ވާހަކަ ދައްކަމުން މާއެނބޫ ބުނީ، މިހާރު ކުރިޔަށް ދަނީ ޑަބިން އަދި ކަލަރ ކަރެކްޝަންގެ މަސައްކަތް ކަމަށެވެ. އަދި އެ ދެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ފިލްމުގެ މަންޒަރުތައް ކެމެރާ ކޮށްފައިވަނީ، އިބްރާހިމް ވިޝާން (ކަނޑި) އެވެ. އޭނާ ވަނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައެވެ. އެ ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.