އަތޮޅުތެރެއިން އޭނާ މާލެ އައީ ނުކުޅެދުންތެރިކަން ހުންނަ ދަރިފުރުގެ ފަރުވާއަށެވެ. ޑޮކްޓަރުން ބުނީ ނުކުޅެދޭ މީހުންނަށް ހާއްސަ ގޮނޑިއެއް ބޭނުންވާ ކަމަށެވެ. އެގޮނޑި ހޯދަން ދައުލަތުގެ އިދާރާއަށް ދިއުމުން ބުނީ ސިޓީއެއް ލުމަށެވެ. މީހަކަށް އާދޭސްކޮށްގެން ސިޓީއެއް ލިޔެ ހުށައެޅުމުން ގުޅާފައި ދެން ބުނީ ސިޓީގައި ބައެއް މައުލޫމާތު މަދު ކަމަށެވެ. އަނެއްކާ އަނެއް ސިޓީއެވެ. އެއީ ހިދުމަތް ހޯދަން އަތޮޅުތެރެއިން މާލެ އަންނަ ފަރާތްތަކުން އުޅެން ޖެހޭ ނިކަމެތި ހާލެވެ.

ކުރިއާ އަޅާބަލާއިރު ހިދުމަތް ދިނުމަށް އެކަށޭނަ ގޮތްތަކެއް ކަނޑައަޅާފައިވީ ނަމަވެސް ބަރުބޮޑު، ބުރަ ދިރިއުޅުމުގެ ތެރެއިން ހިދުމަތެއް ހޯދުމަކީ އަދިވެސް ބޮޑު ކަމެކެވެ. ބައެއް ފަހަރު ސިއްހީ ހިދުމަތެއް ހޯދަން ކުރަން ޖެހޭ މަސައްކަތާ ހެދި އިތުރަށް ބަލި ބޮޑުވާފަދަ އެވެ.

ސިޓީ ދޫކޮށް ފޯމަށް ބަދަލުވާން ޖެހޭ

އިންސާނީ ހައްގުތަކަށް ޓަކައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި ގިނަ ހިދުމަތްތަކެއް ހޯދުމަށް ސިޓީ ލާންޖެހޭތީ ގިނަ ބަޔަކަށް އޭގެ ދަތިކަން ފޯރަ އެވެ. ހިދުމަތް ލިބުން ލަސްވުމާއި "ވާނުވާ" ނޭނގުން ފަދަ މައްސަލަތައް އެކަމުގެ ސަބަބުން ދިމާވާކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން 2013 ގެ ރިޔާސީ އިންތިހާބުގައި ރީ ރެޖިސްޓްރޭޝަން ފޯމް ބަލައިގަންނަނީ -- ސަން ފައިލް ފޮޓޯ

"މީހުންނަކަށް ނޭނގޭނެ ދެއްތޯ އޮފީހަށް ބޭނުން ވަނީ ކޮންކަމެއްކަން، ކޮން މައުލޫމާތެއް ކަމެއް، ދެން ސިޓީ ލާއިރަށް ބުނާނެ އެވެނި ބައެއް މިވެނި ބައެއް މަދޭ،" ހިޝާން ވިދާޅުވި އެވެ.

ގިނަ އިދާރާތަކަކުން މިހާރު ވެސް ހިދުމަތްތަކަށް އެދެން ފޯމް ގެންގުޅޭ އިރު އެއީ ރަނގަޅު އުސޫލެއް ކަމަށް ހިޝާން ވިދާޅުވި އެވެ.

"އެންސުޕާއަށް ގޮނޑި ހޯދަން ބުނަނީ ސިޓީ ލާށޭ، އެއަށް ބޭނުންވޭ ޑޮކްޓަރުންގެ ލިޔުން ބެލެނިވެރިޔާގެ ލިޔުން، އެއަށް ވުރެ ފޯމެއް ދީފައި ޑޮކްޓަރުގެ ބައި ޑޮކްޓަރު ފުރާގޮތަށް އަދި ބެލެނިވެރިޔާގެ ބައި ބެލެނިވެރިޔާ ފުރާ ގޮތަށް ހެދީމާ ހިދުމަތް ހޯދަން ފަސޭހަ ވާނެ ދޯ." ހިޝާން ވިދާޅުވި އެވެ.

އެންސުޕާގެ އޮފިޝަލަކު ވިދާޅުވީ އެކުންފުނީގެ ހިދުމަތްތަކަށް ފޯމުން އެދެވޭނެ ކަމަށެވެ. ނަމަވެސް ވަޒީފާ އަށް އެދުމަށާއި ތަފާތު އެކިއެކި ހިދުމަތް ހޯދަން އަދިވެސް ސިޓީ ލާންޖެހޭލެއް މަދެއް ނޫނެވެ. އިދާރާތަކުން ސިޓީލުމަށް ބުނާއިރު ސިޓީ ލިޔާ މީހާއަށް އެއިދާރާއަކުން ބޭނުންވާ މައުލޫމާތު ނޭނގުމުން އެސިޓީ ސައްހަ ނުވެ ނުވަތަ އިތުރު ސިޓީތަކެއް ލިޔަންޖެހެ އެވެ. އެހެންކަމުން ދައުލަތުގެ ހިދުމަތްދޭ އުސޫލުގެ ތެރެއިން މުޅިން ވެސް ފޯން ބޭނުންކުރުން މުހިންމެވެ.

އޮންލައިންކޮށް ހިދުމަތަށް އެދުން!

މިއީ އޮންލައިން ޒަމާނެވެ. އެހެންކަމުން އެންމެ ކުރިއާއި ހިލާފަށް ދެމުންދާ ހިދުމަތްތަކަށް ބަދަލު ގެންނަންޖެހެ އެވެ. ފޯމެއް ނުވަތަ ސިޓީއެއް ލުމަށް ނުވަތަ އެނޫން ވެސް ހިދުމަތެއް ހޯދަން ގޮސް އެތައް އިރެއް ކިޔޫގައި އިންނަންޖެހޭ ޖެހުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފޯރުކޮށްދެވެންޖެހެ އެވެ.

"ދުނިޔޭގެ ތަރައްގީ ގިނަ ގައުމުތަކަށް ބަލާއިރު އޮންލައިންކޮށް ހިދުމަތްތަކަށް އެދެވޭ، އެގޮތަށް ވެސް ރާއްޖެ ބަދަލުވާން ޖެހޭ، އޭރުން ފަސޭހަވެފައި ހިދުމަތްދިނުން ރަނގަޅުކުރެވޭނެ،" ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ކުންފުންޏެއްގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ދައުލަތުގެ ކޯލް ސެންޓަރެއް މުހިންމު!

މާލެ އައިސް ހިދުމަތް ހޯދަން ތިބޭ ރަށްރަށު މީހުން ޖަވާބު ނުލިބިގެން ރަށަށް ނުދެވި ކާންބޯންކުރާ މަސައްކަތް ނުކޮށް ތިބެންޖެހެ އެވެ. ހިދުމަތެއް ހޯދަން ގުޅަން ޖެހޭ ނުވަތަ ދާން ޖެހޭ ތަނެއް ނޭނގި ހިދުމަތް ނުލިބި އެތައް ދުވަހެއް ވުމަކީ ވެސް ދިމާވާ މައްސަލައެކެވެ.

"އެއްތަނަކަށް ގުޅާއިރު ބުނާނެ މިއޮފީހަކުން ނޫނޭ، އަނެއްކާ އަނެއް އޮފީހަކަށް ގުޅާއިރަށް ބުނާނެ މިއޮފީހަކުން ނޫނޭ އަނެއް އޮފީހެކޭ، މިހެން ގުޅަ ގުޅާ ތިބެން ޖެހޭ މައުލޫމާތެއް ނޭނގި، އަނެއްކާ އޭގެން ތާކުން ފޯން ނަގާނީ އެތައް ފަހަރަކު ގުޅީމަ،" ހިދުމަތާ މެދު ޝަކުވާ ކުރި ފަރާތަކުން ބުންޏެވެ.

މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހަދާފައިވާ އަލީ ހާލިދު ވިދާޅުވި ގޮތުގައި ދައުލަތުން ހިދުމަތްދޭ އިދާރާތަކާއި އެއްތަނަކުން ގުޅޭނެ ކޯލް ސެންޓަރެއް ގާއިމް ކުރުމަކީ މައުލޫމާތު ހޯދަން މީހުންނަށް ފަސޭހަ މަގެއް ގާއިމްކޮށްދެވޭނެ ގޮތެކެވެ.

"އެކޯލް ސެންޓާތައް މެދުވެރިކޮށް ބޭސިކް އިންފޮމޭޝަން ދެވޭނެ ދެއްތޯ، އެސެންޓަރަށް ގުޅުމުން އެ މައުލޫމާތެއް ދެވޭނެ ފަރާތްތަކަށް ޕާސްކުރީމަ ފަސޭހައިން މައުލޫމާތު ލިބޭނެ ނޫންތޯ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ ނުވަތަ އިޖްތިމާއީ ދާއިރާތައް ވަކިކޮށް އެކި ކޯލްސެންޓަރުތައް ހެދުމަކީ ވެސް މައުލޫމާތު ހޯދަން ގުޅާ ފަރާތްތައް ފަސޭހަ ގޮތަކަށްވާނެ ކަމަށެވެ.

ރާއްޖޭގައި މިއަދު ހޯދަން އެންމެ އުނދަގޫ އެއްކަމަކަށް ހިދުމަތް ވެފައިވާއިރު ޒަމާނީ އުސޫލްތައް އަދި ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުން ކަންކުރާ ގޮތަށް ކަންތައްތައް ކުރުމުގެ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެކެވެ. ހިދުމަތަށް އެދޭ ނިޒާމް ސިޓީ ދޫކޮށް ފޯމަށް ބަދަލުކުރަންޖެހޭ އިރު އޮންލައިންކޮށް ހިދުމަތަށް އެދެވޭނެ އުސޫލްތަކެއް ހަމަޖައްސަންޖެހެ އެވެ. އަދި އެއްތަނަކުން މައުލޫމާތު ލިބޭނެ ކޯލް ސެންޓަރެއް ވަރަށް ވެސް މުހިންމެވެ.