ވިހާފައި ގދ. ތިނަދޫ ގަރާޖެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށާއި އެ މައުލޫމާތު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފޫޅުދަނޑިއާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެނުނު ފިރިހެން ކުއްޖާ ހާދިސާއާ ގުޅިގެން ކުރާ ތަހުގީގާ ގުޅޭގޮތުން ފުލުސް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކުއްޖާގެ މަންމަ ހޯދަން ކުރާ ތަހުގީގުގެ ބޮޑެތި މަސައްކަތްތައް ތިނަދޫގައި ކުރިއަށް އެބަދާކަމަށާއި އެކަމުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

"އެކޮޅުގައި މިހާރުވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ދާތީ އެ ކުއްޖާ އާއި ގުޅުން ހުރި މީހުން ހޯދޭނެ ކަމުގެ ޔަގީންކަން ފުލުހުންނަށް އެބައޮތް. އެ ތަފްސީލްތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަ ކުރާނަން،" ޝިޔާމް ވިދާޅުވި އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިހާރު އޮތް އެ ތުއްތު ކުއްޖާގެ އާއިލާގެ މަނަމް ހޯދަން ފުލުހުން ކުރާ ތަހުގީގުގައި ގައްދޫގެ ތިން އަންހެނަކަށް ޝައްކުކުރެވިގެން އެ މީހުން ވަނީ ދެ ފަހަރެއްގެ މަތިން ޓެސްޓްވެސް ކޮށްފަ އެވެ. ނަމަވެސް އެއިން އެ ތަހުގީގަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ހެލްތް މިނިސްޓަރުގެ ނައިބު ފާތިމަތު އާފިޔާ މިއަދު ވިދާޅުވީ ތުއްތު ކުއްޖާ އާއިލާއަކާއި ހަވާލުކުރާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ. އަދި އެ ކުއްޖާ އާއިލާ އަކާއި ހަވާލުކުރާނީ ޕެނަލެއް އެކުލަވާލައި އެ ޕަނަލަކުން ރަނގަޅަށް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރެވުނީމަ އަޅުގަނޑުމެން ޕެނަލެއް އެކުލަވާލައިގެން އާއިލާ އަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރާނީ،" އާފިޔާ ވިދާޅުވި އެވެ.