ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށާއި އެ މަޝްވަރާ ތަކުގައި ސިޔާސީ ޕާޓީ ތަކުން ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާނީ އެ ޕާޓީތަކުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން ޔުނައިޓެޑް ނޭޝަންގެ ރެސިޑެންސް ކޯޑިނޭޓަރާ ބައްދަލުކުރެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ހެޔޮނިޔަތާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކެއް ނަމަ އިދިކޮޅު ފަރާތްތަކުން އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ތައްޔާރަށް ތިބި ކަމަށެވެ.

"މާ ބޮޑު ޝަރުތުތަކެއް ކުރިން ހުށަހަޅައިގެން އެ އަށް ވަންނަން ވެއްޖެ ނަމަ ދަތި ވެދާނެ. އަދި އަޅުގަނޑުމެން އަމިއްލަ އަށް ކަނޑައަޅާ ބަޔަކަށް ބައިވެރިވެވޭނީ. ސަރުކާރަކުން ނޫން އެހެން ޕާޓީތަކުން ބައިވެރިވާނެ ފަރާތްތައް ކަނޑަައަޅާނީ. އެ ޕާޓީއަކުން ކަނޑައަޅާނީ އެ ޕާޓީއެއް ތަމްސީލް ކުރާނެ ބައެއް،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އދ. ގެ ރެސިޑެންސް ކޯޑިނޭޓަރާ ބައްދަލުކުރައްވަނީ ---

ފާރިސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތިބީ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކަށް ތައްޔާރުކަމަށް ހާމަކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެ ވާހަކަތައް ދައްކަން ޖެހިލުން ނުވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ ޕާޓީތަކުން ކުރިން ހުށަހާޅާފައިވާ މަންދޫބުންނާ ދޭތެރޭގައި ސަރުކާރުގެ އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.

ޓެރަރިޒަމްގެ ހުކުމްކޮށްފައިވާ ބޭފުޅުންނާ އެކު މަޝްވަރާ ކުރިއަށް ނުގެންދާނެ ކަމަށް 2014 ގައި ނިންމުމަށް ފަހު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.