ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ މެއި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓަށް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ 14:00 އަށް ހަމަވާނެ އެވެ.

ހައިކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އައްބާސް ޝަރީފާއި ޑރ. އަޒްމިރާލްދާ ޒާހިރު ރިޓަޔާ ކުރެއްވުމުންނެވެ.

ހައި ކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެއީ އިސް ފަނޑިޔާރު އަބުދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި އަބުދުލް ޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އަލީ ސަމީރާއި އަބުދުﷲ ހަމީދާއި އަބުދުއް ރައޫފު އިބްރާހީމެވެ.

ޝުޖާއު އާއި ޣަނީ އާއި ޝުއައިބު ވަނީ އައްޑޫ ސިޓީގެ މީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފައެވެ.