18 Apr 2017, 13:05
އަންނަ މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓުގައި ސޮއި ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް ދެކޮޅު ހަދައިފިއެވެ.
ވޯޓާސް ލިސްޓްގައި ސޮއިކުރުމަށް ޖޭޕީން ދެކޮޅު ހަދާފައިވާއިރު އެ ލިސްޓްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެމްޑީޕީން ވެސް ވަނީ ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ.
ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ފަރާތުން މިއަދު ސޮއިކުރުމަށް ދިއުމުން އިލެކްޝަން އިން ތިން ލިސްޓެއް ދިން ކަމަށާއި ތިން ލިސްޓްގައި ހުރީ ތިން ގޮތަކަށް ކަމަށެވެ.
"އެއް ލިސްޓްގައި ހިމެނޭ އައިޑީކާޑްގެ ނަމްބަރު. އަނެއް ލިސްޓްގައި ހިމެނޭ ފޮޓޯ ތަކެއް. އަނެއް ލިސްޓްގައި އައިޑީކާޑެއް ވެސް އުފަން ތާރީހެއް ވެސް ނެތް. އެހެންވީމަ ތަފާތު ތިން ލިސްޓެއްގައި ސޮއިކުރަން ވީމަ އަޅުގަނޑުމެނަށް އުޒުރުވެރިވޭ،" އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ ވޯޓާސް ލިސްޓުގެ އެކިއެކި "ވާޝަންތަކެއް" ހުންނަ ކަމެއް އެނގިފައި ނުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެކަންތައް ރަނގަޅު ކޮށްދިންހާ އަވަހަކަށް ޖޭޕީގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއި ކުރާނެ ކަމަށެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައެޅި ގައިޑްލައިނުގެ ފަސް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން އިލެކްޝަން ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެ ކޮމިޝަނުން ސޮއި ކުރުމަށް ހުޅުވާލާފައިވާ ލިސްޓްތަކުގައި ވޯޓް ލާ މީހުންގެ ނަމުގެ އިތުރުން ގޭގެ ނަމާއި އައިޑީކާޑްގެ އިތުރުން ފޮޓޯ ވެސް ހިމަނާފައިވާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމުގެ މުއްދަތު މިރޭ 10:00 އަށް ހަމަވާނެއެވެ.