އަތޮޅުތެރޭގެ ގިނަ އަަދަދެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުންނާއި، އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ވަނީ މާލެ އަތޮޅާއި، ވ. އަތޮޅު ފިޔަވައި، 18 އަތޮޅަކުން 42 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ހޯދަމުންދަނީ 11 މެޖިސްޓްރޭޓަކާއި، 32 އިސް މެޖިސްޓްރޭޓެކެވެ.

އެ ކޮމިޝަނުގެ އިއުލާނުގައި ބުނެފައި ވަނީ، ހުސް މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މަގާމުތަކަށް އައްޔަން ކުރާނީ، ޝަރުތު ހަމަވާ ފަނޑިޔާރުންގެ ތެރެއިން ކޮމިޝަނުން ކަނޑައަޅާ ފަރާތްތައް ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ގޮތުގައި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށްފައިވާން ޖެހެ އެވެ. އަދި އޭގެ އިތުރުން ފަނޑިޔާރުކަމުގެ ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި، ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.

މެޖިސްޓްރޭޓް ކަމަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އިންތިހާބަކުން އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއްގައި ނުހުރުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުގެ ކުށެއްކޮށްފައިވާ މީހަކަށް ނުވުމާއި ހިޔާނާތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވުމެވެ.

އޭގެ އިތުރުން އެއްވެސް ކަހަލަ ބަދުއަހުލާގީ އަމަލެއް ކުރިކަން ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވި އެ ހުކުމް ވޭތުވެ ދިޔަ ހަތް އަހަރު ތެރޭގައި ތަންފީޒުކޮށްފައިވާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ.

ޖޭއެސްސީގެ އިއުލާނުގައި، އެ މަގާމުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މެއި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.