18 Apr 2017, 12:29
އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޖަންގައްޔެއްގައި، ރާމާމަކުނުތަކަކާ އެކު އުޅެ ބޮޑުވި ކަމަށް ބެލެވުނު އަންހެން ކުއްޖާއަކީ އެމީހުންގެ ދަރިއެއް ކަމަށް އިންޑިއާގެ މުސްލިމް ދެމަފިރިއަކު ބުނެފި އެވެ.
ހިޔާލީ ވާހަކަ "ދަ ޖަންގްލް ބުކް"ގައި ހިޔަޅުތަކެއް ބަލާބޮޑުކުރި އިންޑިއާ ފިރިހެންކުއްޖެއްގެ ގޮތުގައި ގެނެސްދީފައިވާ "މޯގްލީ"ގެ ނަމުން ނިސްބަތްކުރަމުން އައި ކުއްޖާ އެންމެ ފުރަތަމަ ފެނުނު އިރުވެސް އެއްވެސް ބަހަކުން ވާހަކައެއް ދައްކާކަށް ނޭނގެ އެވެ.
އަދި އަމަލުތައް ހުންނަ ގޮތަށް ބަލާ އިރު، ހިނގަނީ ހަތަރެސްފައި ޖަހައިގެންނެވެ. އަތުން ނަގައި ކާން ނޭނގޭ އިރު ރާމާމަކުނު ހަޅޭއްލަވާ ފަދަ ގޮތަކަށް އެކުއްޖާ މީހުންނާ ދިމާއަށް ރުޅިއައިސްގެން ހަޅޭއްލަވަ އެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯތައް ޔޫޓިއުބްގައި ވަނީ އާންމުވެފަ އެވެ.
އެ ކުއްޖާގެ އަމަލުތައް ހުންނަ ގޮތުން އެ ކުއްޖާ ބޮޑުކުރީ ރާމާމަކުނުތަކެއް ކަމަށް ސިއްހީ މާހިރުން ކުރިން ބުނި ނަމަވެސް، އެބޭފުޅުން ފަހުން ވިދާޅުވެފައި ވަނީ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ އެ އަންހެން ކުއްޖާ ޖަންގަލީގައި އުޅޭތާ މާގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އާއިލާ އިން އެ ކުއްޖާ އެއްލާލީ ކަމަށް ބެލެވޭ ކަމަށެވެ.

ޖަންގަލިން ފެނުނު ކުއްޖާގެ މައިންބަފައިން ކަމަށް ބުނާ ދެމަފިރިން --- ފޮޓޯ/ އޭޝިއާ ޕްރެސް
ނަމަވެސް ޖަންގަލިން ފެނުނު ކުއްޖާއަކީ މީގެ އެއް އަހަރު ކުރިން ގެއްލިފައިވާ އެ މީހުންގެ ދަރިފުޅު ކަމަށް އިންޑިއާގެ ދެމަފިރިއަކު މިހާރު ދަނީ ބުނަމުންނެވެ. ނަޒްމާ ޝާހު، 35 އާއި އޭނާގެ ފިރިމީހާ ރަމްޒާން އަލީ ޝާހު، 45 ބުނި ގޮތުގައި ދަރިފުޅު ގެއްލުނީ އެ މީހުން ދިރިއުޅޭ ހިސާބުގެ ބާޒާރާކަށް ގޮސް އުޅެނިކޮށެވެ.
އަދި ގެއްލުނު ދުވަހު ފުލުހުންނަށް އެކަން ރިޕޯޓްކޮށް އަމިއްލަ އަށް ޕޯސްޓަރުތައް ހަދައިގެން އޭނާ ހޯދަން އެތައް މަސައްކަތެއް ކުރި ކަމަށް ވެސް އެ ދެމަފިރިން އިންޑިއާގެ ނޫސްތަކަށް ބުނެ އެވެ. އެ ދެމަފިރިން ބުނިގޮތުގައި އެކުއްޖާގެ އުމުރަކީ 10 އަހަރެވެ. ނަމަކީ އަލީޒާ އެވެ.
އެ ދެމަފިރިން ވަނީ ކުއްޖާ ހުއްނަތަނަށް ގޮސް އެ ކުއްޖާއާ ބައްދަލުވެސް ކޮށްފަ އެވެ. ނަމަވެސް ކުއްޖާގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބުމުން ދެމަފިރިން ބުނީ، މީގެކުރިން ވެސް ނުކުޅެދުންތެރިކަމެއް ހުންނާތީ ކުއްޖާގެ އަމަލުތައް ހުންނަނީ އެފަދަ ގޮތަކަށް ކަމަށެވެ. އަދި ދަރިފުޅު ދިރިހުއްޓާ ފެނުމުން ވީއުފާ ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.
ކުއްޖާ ބަލަމުން އަންނަ ތަނުން މިހާރު ނިންމާފައި ވަނީ ރަމްޒާން އާއި ނަޒްމާ އަކީ އޭނާގެ މައިންބަފައިންތޯ ބަލަން ޑީއެންއޭ ޓެސްޓް ހަދާށެވެ.
މައުލޫމާތު :ޑެއިލީ މެއިލް