ޕްޔޮންގްޔަންގް (އޭޕްރިލް 17): އުތުރު ކޮރެއާއިން މިސައިލް ޓެސްޓުތައް ކުރަމުން ދާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ނައިބު ހަން ސޮންގް ރުޔޮލް ވިދާޅުވެއްޖެ އެވެ.

"ކޮންމެ ހަފްތާއަކު، ކޮންމެ މަހަކު، ކޮންމެ އަހަރަކު އަޅުގަނޑުމެން މިސައިލް ޓެސްޓުތައް ކުރިއަށްގެންދާނަން،" ހަން ވިދާޅުވި އެވެ.

ހަން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން ޓެސްޓު ކުރާ ނިއުކްލިއާ ހަތިޔާރު ބޭނުމަކީ އެމެރިކާއިން އަޅާފާނެ ފިޔަވަޅަކުން ގައުމު ރައްކާތެރި ކުރުމެވެ. އަދި އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އަޅައިފި ނަމަ އުތުރު ކޮރެއާއިން ހަނގުރާމަ ކުރަން ފަށާނެ ކަމަށްވެސް ހަން ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމު ކުށްވެރިކޮށް ބައިނަލްއަގުވާމީ މުޖުތަމައު އާއި އދން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް އިތުރުކޮށްފަ އެވެ.

އެގައުމުން މަސައްކަތް ކުރަނީ އެމެރިކާއަށް ހަމަލާ ދެވޭ ފަދަ، އެއް ބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ ނިއުކްލިއާ މިސައިލެއް އުފެއްދުމަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ އުތުރު ކޮރެއާއަށް ކާމިޔާބު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ނިއުކްލިއާ ހަރަކާތްތައް މަދު ކުރުމަށް ޕްރެޝަރު އިތުރުކޮށްފަ އެވެ.

އަދި މިދިޔަ ހަފްތާގައި ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ހަނގުރާމައިގެ މަނަވަރުތަކެއް ކޮރެއަން ޕެނިންސުލާ ކައިރިއަށް ދިޔުމަށް އަމުރު ކުރައްވާފަ އެވެ.

އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހު އުތުރު ކޮރެއާއިން ޓެސްޓު ކުރި މިސައިލެއް ވަނީ ލޯންޗު ކުރިތާ މާ ގިނަ އިރެއް ނުވެ ގޮވާފަ އެވެ. (ބީބީސީ)