18 Apr 2017, 10:12
މިހާރު ފޯރިއާއެކު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި މިނިސްޓްރީ އޮފް އެކޮނަމިކް ޑެވެލޮޕްމަންޓުގެ މައްޗަށް މިނިސްޓްރީ އޮފް ހައުސިން އިން ކުރި ހޯދިއިރު ހޯމް އެފެއާޒް މައްޗަށް އެޗްޑީސީން ކުރި ހޯދައިފިއެވެ.
މާފަންނު ވެލިދަނޑުގައި ކުޅުނު މި ދެ މެޗުގެ ތެރެއިން މިނިސްޓްރީ އޮފް އެކޮނަމިކް ޑެވެލޮޕްމަންޓުގެ މައްޗަށް މިނިސްޓްރީ އޮފް ހައުސިން އިން ކުރި ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ.
ރޭ 21:30 ގައި ފެށި އެ މެޗުގައި ހައުސިންއިން ކާމިޔާބު ކުރި ލަނޑުތަކުގެ ތެރެއިން އަހްމަދު މައުސޫމް މުހައްމަދު އަދި މުހައްމަދު މައުރޫފާ ދެކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ދެން އެޓީމަށް ރޭ ލަނޑެއް ކާމިޔާބުކޮށްދިނީ ހައިދަރް އަކްރަމްއެވެ.
މިނިސްޓްރީ އޮފް އެކޮނަމިކް ޑެވެލޮޕްމެންޓުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިލްވާން މުހައްމަދެވެ.
އެޗްޑީސީން ހޯމްއެފެއާޒް ބަލިކުރީ ފޯރިގަދަ ކުޅުމަކަށްފަހު 5-2 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ހޯމް އެފެއާޒުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އަސްލަމެވެ. ނަމަވެސް އަސްލަމް ގޯލް ޖެހިތާ މިނިޓެއް ތެރޭގައި މުހައްމަދު ސުޖަން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމކޮށްފައެވެ.
ރޭގެ މެޗުގެ 39 ވަނަ މިނިޓާއި ހަމައަށް ދެން ފެނިގެންދިޔައީ އެޗްޑީސީން ކާމިިޔާބުކުރި ހަތަރު ލަނޑެވެ. އެޓީމަށް ހުސެއިން ރައުޝަން އަދި އަކްރަމް އަބްދުއް ރަޝީދު އެއް ގޯލް ކާމިޔާބުކޮށްދިން އިރު ޔާމީން މުހައްމަދު ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. ހޯމް އެފެއާޒުން ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ސާއިފެވެ.