18 Apr 2017, 09:23
ޖާވާ (އެޕްރީލް 18) : ސައޫދީ ސަރުކާރުން ޗައިނާގައި އާދަޔާ ޚިލާފު ބޮޑު އިންވެސްޓްމެންޓެއް ކުރާއިރު އިންޑޮނީޝިޔާގައި ވަރަށް ކުޑަކުޑަ އިންވެސްޓްމަންޓެއް ކުރާތީ އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ޔޫވީދޯދޯ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފާޑުވިދާޅުވެއްޖެ އެވެ.
ހުޅަނގު ޖާވާގެ ރަށެއްކަމަށްވާ ސީރީބޯން އަށް އިއްޔެ ވަޑައިގެން ދެއްވި ބަޔާނެއްގައި ރައީސް ޖޯކޯ ޔޫވީދޯދޯ ވިދާޅުވީ އިންޑޮނީޝިޔާއަކީ ދުނިޔޭގައިވާ އެންމެ ބޮޑު އިސްލާމީ ގައުމު ކަމަށްވެފައި ސައޫދީ ރަސްގެފާނަކީ އިސްލާމީ ދެހަރަމްފުޅުގެ ޚާދިމު ކަމަށްވާއިރު ސައޫދީ ސަރުކާރުން ޗައިނާގައި 65 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފައި އިންޑޮނީޝިޔާގައި 6.7 ބިލިޔަން ޑޮލަރުގެ ކުޑަ އިންވެސްޓްމަންޓެއް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގަ އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޖޯކޯ ވިދާޅުވީ އޭނާގެ ސަރުކާރާއި އިންޑޮނީޝިޔާގެ ރައްޔިތުން ސަލްމާން ރަސްގެފާނަށް ވަރަށް ބޮޑު އުންމީދެއްކުރި ކަމަށާއި ނަމަވެސް އެ އުންމީދުތައް ގެއްލި ހުވަފެންތަކަކަށް ވެގެންގޮސްފައިވާ ކަމުގަ އެވެ.
"އިސްލާމީ ގައުމަކަށްވާތީ ސައޫދީ ސަރުކާރުން އިންޑޮނީޝިޔާއަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ހީކުރެވުނު ހީކުރުންތައް ވަނީ ބިލާހަކަށްވެފައި" ޖޯކޯ ވިދާޅުވި އެވެ.
މިދިޔަ މާޗް މަހު ސައޫދީ ރަސްގެފާނު އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ އިތުރުން އިންޑޮނީޝިޔާއަށް ވެސް ވަޑައިގެންނެވި އެވެ. ސައޫދީ ރަސްގެފާނު ޖަކާޓާގެ ހެލެމްބޭރު ދަންކޯސޫމާ އެއާޕޯޓަށް ވަޑައިގެންނެވި ވަގުތަކީ ބޯކޮށް ވާރޭވެހޭ ވަގުތެއްކަމުން ރަސްގެފާނަށް ހިޔާވަހިކަން ދިނުމަށްޓަކައި ރަސްގެފާނުގެ އިސްތަށިފުޅުގެ މައްޗަށް ކުޑަ ނަގައިގެން ހުންނެވީ ސީދާ ރައީސް ޖޯކޯ ޔޫވީދޯދޯ އެވެ. މިއީ އާންމުގޮތެއްގައި ގައުމުތަކުގެ ރައީސުން ކުރައްވާ ކަމަކަށް ނުވިނަމަވެސް އިންޑޮނީޝިޔާގެ ރައީސް މިކަން ކުރެއްވީ ސައޫދީ ރަސްގެފާނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކަމަށް އެގައުމުގެ މީޑިޔާއިންވެސް ފާހަގަކޮށްފައިވެއެވެ. ސައޫދީ ރަސްގެފާނަށް ފާޑުވިދާޅުވެ އިންޑޮނީޝިޔާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.
ސަލްމާން ރަސްގެފާނަކީ ފާއިތުވި 47 އަހަރު ތެރޭގައި ސައޫދީ ރަސްކަލަކު އިންޑޮނީޝިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެހެންކަމުން އިންޑޮނީޝިޔާގެ ރައްޔިތުންވެސް ވަނީ އެމީހުން އަމިއްލަ ގޮތުންވެސް ސަލްމާންގެ ދަތުރުފުޅާމެދު އުފާކޮށް ސައޫދީ ރަސްގެފާނަށް މަރަހްބާ ދެންނެވުމަށް އެމީހުންގެ އަގުހުރި ވަގުތަކުގެ ތެރެއިން 10 ވަރަކަށް ގަޑީއިރު ހޭދަކޮށްފައެވެ.
އިންޑޮނީޝިޔާއަކީ ތިންސަތޭކަ މިލިޔަނަށްވުރެ އާބާދީ ބޮޑު ތައުލީމީ މީހުން ގިނަ އަދި ގުދްރަތީ ވަސީލަތްތައްވެސް އިންތިހާއަށް ބޮޑު ގައުމެކެވެ. ދުނިޔޭގެ މުއްސަނދިންނާއި ކުންފުނިތަކުން އެންމެ ބޮޑަށް އިންވެސްޓްކުރާ އެއްގައުމަކީވެސް އިންޑޮނީޝިޔާއެވެ. އެއީ ކުޑަމުސާރައަކަށް މަސައްކަތްކުރާ ފަންނީ މީހުންނާއި އަގުހެޔޮކޮށް ގުދްރަތީ ވަސީލަތްތައް އިންޑޮނީޝިޔާއިން ލިބެން ހުންނާތީއެވެ.
ނަމަވެސް ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން ސައޫދީ ސަރުކާރުން އިންޑޮނީޝިޔާގައި އިންވެސްޓް ކުރަން ނިންމީ އެންމެ 6.7 ބިލިޔަން ޑޮލަރެވެ. މިއީ އިންޑޮނީޝިޔާ ފަދަ ގައުމަކަށް ކަނޑަށް ވައްޓާލާ ފެންތިއްކެއްގެ މިންވަރެއްކަމަށް އިންޑޮނީޝިޔާގެ އާންމުންވެސް ދެކެއެވެ.
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅުގައި މެލޭޝިޔާއަށް ވެސް ވަޑައިގެންނެވި އެވެ. ފަންސަވީހަކަށް މިލިޔަނުގެ އާބާދީއެއް އޮންނަ އިސްލާމީ ކުޑަ ގައުމެއް ކަމަށްވާ މެލޭޝިޔާގައި ވެސް 7 ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމަށް ރަސްގެފާނުގެ މިދަތުރުފުޅުގައި ސައޫދީ ސަރުކާރުންވަނީ ނިންމާފައެވެ. ސައޫދީ ސަރުކާރުން އެންމެ ބޮޑަށް އިންވެސްޓް ކުރަނީ އެމެރިކާގަ އެވެ. އެއަށްފަހު ޔޫރަޕްގެ ގައުމުތަކުގަ އެވެ. ނަމަވެސް ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު ބާރަށް ޗައިނާވުމުން ސައޫދީން ވަނީ އެމެރިކާ އާއި ޔޫރަޕާ އެއއްވަރެއްގައި ޗައިނާގައި ވެސް އިންވެސްޓްކުރަން ފަށާފައެވެ. (ޖަކާޓާ ޕޯސްޓް)