18 Apr 2017, 09:13
ބޮލީވުޑުގެ އެކްޓަރު ސަންޖޭ ދަތު، ޑައިރެކްޓަރު ޝަކީލް ނޫރާނީ އަށް މަރުގެ އިންޒާރުދީ ބިރުދެއްކި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް ސަންޖޭ ހާޒިރު ނުވާތީ، އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމަށް، މުމްބާއީގެ މެޖިސްޓްރޭޓް ކޯޓަކުން ނެރުނު އަމުރު ބާތިލް ކޮށްފި އެވެ.
އެ ނެރެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނޫރާނީގެ ވަކީލް ނީރަޖް ގުޕްތާ ބުނީ އެ އަމުރު ބާތިލު ކުރުމަށް ބޭނުންވާ ނަމަ، ސަންޖޭއަށް އެކަން ކުރެވޭނީ ކޯޓަށް ހާޒިރުވެގެން ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ސަންޖޭ ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ، އެ އަމުރު ފުލުހުންނާ ހަވާލު ކުރާނެ ކަމަށާއި، އޭރުން ސަންޖޭ ކޯޓަށް ހާޒިރު ކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޯޓުން އަމުރު ބާތިލް ކޮށްފައި ވަނީ ސަންޖޭ މިއަދު ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުވެ އެގޮތަށް އެދުމުންނެވެ. ސަންޖޭ ވަނީ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅޭތީ، މުޅި މައްސަލަ ވެސް އޭނާގެ ޣައިރު ހާޒިރުގައި ނިންމައިދިނުމަށް ވެސް އެދިފަ އެވެ.
ނަމަވެސް ކޯޓުން ވަނީ އެގޮތަށް އެކަން ނުވާނެ ކަމަށް ބުނެފަ އެވެ. އަދި މީގެ ފަހުން ކޮންމެ އަޑުއެހުމަކަށް ވެސް ސަންޖޭ ހާޒިރުވާން ކޯޓުން ވަނީ އަންގައިފަ އެވެ. އަދި އެންމެ އަޑު އެހުމަކަށް ހާޒިރު ނުވިޔަސް، ހައްޔަރު ކުރުމުގެ އަމުރު ނެރޭނެކަމަށް ކޯޓުން ވަނީ ސަންޖޭ އަށް އަންގައިފަ އެވެ.
ދެ ހާސް ދެވަނަ އަހަރު އަހަރު ޑައިރެކްޓަރު ޝަކީލް ނޫރާނީގެ ފިލްމު 'ޖާން ކީ ބާޒީ' ކުޅުމަށް ސަންޖޭ އެއްބަސްވެ ފިލްމަށް ސޮއި ކުރި އެވެ. ނަމަވެސް ވަކި ހިސާބަކަށް ޝޫޓިން ދިޔަ ފަހުން ސަންޖޭ ވަނީ 50 ލައްކަ ރުޕީޒްގެ އެގްރީމަންޓް މެދުކަނޑާލައި ފިލްމު ދޫކޮށްލައިފަ އެވެ. އެކަމުގެ ސަބަބުން ޝަކީލް ނޫރާނީ އަށް ފަސް ކުރޯރު ރުޕީޒްގެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭނާ ބުނެ އެވެ.
އެހާ ހިސާބުން ނޫރާނީ ވަނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ހޫނުވީ، ނޫރާނީ ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް އަންގައި އޭނާ އަށް ފޯނު ކޯލުތައް ލިބެން ފެށި ހިސާބުންނެވެ.
ޚަބަރުތައް ބުނާގޮތުން ސަންޖޭގެ ފަރާތުން 'ގޭންގްސްޓާ' ބަޔަކު ވަނީ ނޫރާނީ އަށް ގުޅައި މަރުގެެ އިންޒާރުދީ ބިރުދައްކައިފަ އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.