އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕްގެ ނަމުގައި މުޅިން އަލަށް ތައާރަފްކުރި ފުރަތަމަ ޓެނިސް މުބާރާތް ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

ޖުމުލަ 10 ކެޓަގަރީއަކުން 136 ކުޅުންތެރިން ވާދަކުރި މި މުބާރާތް ފަށާފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

ކުރިއަށްއޮތް ތިން އަހަރުވެސް އައިއޭއެސްއާ ގުޅިގެން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަދުވަނީ އެ މުބާރާތް ނިންމުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް އާދަމްއެވެ.

އެ މުބާރާތުގެ 10 ކެޓަގަރީގެ ތެރެއިން އަންހެން ބައިގެ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައިމިނަތު މަލީލާ ސޯލިހުއެވެ. އަދި ފިރިހެންބައިގެ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރާއްޖޭގެ އެންމެ ޒުވާން އަދި އެންމެ މޮޅު ޓެނިސް ކުޅުންތެރިއާ އަބްދުﷲ ފާއީ ފަޒީލެވެ.

އެ މުބާރާތުގެ 45 އަހަރުން މަތީގެ ސިންގަލްސްގެ އެއްވަނަ، ހަސަން ޝާމް ހޯދިއިރު މުބާރަތުގެ އޯޕަން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ ފާއީ ފަޒީލާއި ހުސެން ރަބީއުގެ ޕެއާއެވެ. އަންހެން ބައިގެ އޯޕަން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައިމިނަތު މަލީލާ ސޯލިހުއާ އަޔާނީ މޫސާ ކަލީމްގެ ޕެއާއެވެ.

މުޅިއެކު 68 އަންހެން ކުޅުންތެރިންނާއި 68 ފިރިހެން ކުޅުންތެރިން ވާދަކުރި މުބާރާތާ ބެހޭގޮތުން މުބާރަތުގެ މެއިން ސްޕޯންސަރު މޯލްޑިވިއަންއިން ބުނީ އަލަށް ބޭއްވި މި މުބާރާތް ވަރަށް ކާމިޔާބުކަމަށާއި މޮޅެތި ކުޅުންތެރިންތަކެއްގެ ކުޅުން ފެނިގެންދިޔަކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތްވެސް މިއަށް ވުރެ ފޯރިގަދަވެގެންދާނެ ކަމަށެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ ކުންފުންޏަކުން އިސްނަގައިގެން މިފަދަ މުބާރާތެއް އިންތިޒާމް ކުރުމަކީ ޓެނިހަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށާއި ގިނަ އަދަދެއްގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރުމަކީ ޓެނިސް ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.