މާލޭގެ ސްކޫލެއްގައި ބުލީގެ ޝިކާރައަކަށްވި އަންހެންކުއްޖަކު ލައްފިލުވާ ބޮއިގެން އަމިއްލައަށް މަރުވާން އުޅެފި އެވެ.

އެ ކުއްޖާގެ އާއިލާއިން ސަން އަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، އެ ކުއްޖާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި ހާލު އެހާ ގޯސްނޫން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއީ އިސްކަންދަރު ސްކޫލްގައި ކިޔަވަމުން އަންނަ 14 އަހަރުގެ ކުއްޖެކެވެ.

އާއިލާއިން ސަން އަށް މައުލޫމާތުދިން މީހާ ބުނީ، އެކި ފަހަރުމަތިން ސްކޫލް މާހައުލުގައި އެ ކުއްޖާގެ ކްލާސް ކުދިން އެ ކުއްޖާއަށް ބުލީކޮށް އެކި ގޯނާތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ސަބަބެއް ކަމަށް އޭނާ ބުނީ އެކުއްޖާ އުޅޭ ކްލާހުގެ ކުދިން ކުރާ ގަވާއިދާ ހިލާފު އަމަލުތައް އެ ދަރިވަރު ސްކޫލްގެ އިސް ފަރާތްތަކަށް ރިޕޯޓް ކުރާތީ ކަމަށް އޭނާ ބުންޏެވެ.

އާއިލާއިން ބުނީ، ބުލީ ކުރުމުގައި ބައިވެރިވި ކުދިންގެ ބެލެނިވެރިންގެ އުނދަގޫ ވެސް އެ އާއިލާއަށް ދިމާވާ ކަމަށާއި "ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އެމީހެއްގެ ދަރި ހިމާޔަތްކުރަން" ކަމަށެވެ.

އޭނާ ބުނީ އާއިލާއިން މައްސަލަ ހިފައިގެން މާދަމާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ދާނެ ކަމަށާއި މައްސަލަ ސީރިއަސް ކަމެއްގޮތަށް ނަގައި އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ދޭނެ ކަމަށެވެ.