17 Apr 2017, 16:58
"ޖަޕަނީޒް މެސީ"ގެ ނަމުން މަޝްހޫރުވެފައިވާ، އަރަމުން އަންނަ ފުޓްބޯޅަ ތަރި، ޓަކެފުސާ ކޫބޯ، ޖަޕާނުގެ ޖޭ-ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފިއެވެ.
ކޫބޯ، ޖޭ-ލީގު ރެކޯޑު މުގުރާލީ، މިދިޔަ ހޮނިހިރު ދުވަހު، ޖޭ-ލީގު ތިންވަނަ ޑިވިޝަންގެ، 23 އަހަރުން ދަށުގެ މެޗެއްގައި އޭނާ ކުޅެމުން އަންނަ އެފްސީ ޓޯކިޔޯއާ ސެރެޒޯ އޮސާކާ ބައްދަލުރި މެޗުގައި ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރާ، 10 މަހާ 11، ދުވަހެވެ.
ބާސެލޯނާގެ ޔޫތު ޓީމާއެކު ތަމްރީނުވެފައިވާ ކޫބޯ އެ ލަނޑު ކާމިޔާބުރީ، ސެރޭޒޯގެ ޕެނަލްޓީ އޭރިޔާގެ އަރިމަތީން އިދިކޮޅު ތިން ކުޅުންތެރީން ކަޓުވާލާފައި، އޭރިޔާ ތެރެއަށް ވަދެ، ފޮނުވާލި ބާރު ހަމަލާ، ގޯލްގެ ހުރަސް ދަނޑީގެ ތިރީގައި ޖައްސާފައި ގޯލްތެރެއަށް ވައްދާލައިގެންނެވެ.
މީގެ ކުރީން ޖޭލީގު "ޔަންގެސްޓް ސްކޯރަރ"ގެ ރެކޯޑް އޮތީ، ޓަކަޔުކީ މޮރިމޮޓޯ އަތުގައެވެ. 2004 ވަނަ އަހަރު ޓޯކިޔޯ ވާރޑީގެ ފޯވާޑް މޮރިމޮޓޯ އެ ރެކޯޑް މުގުރައިލީ އުމުރުން 16 އަހަރުގައެވެ. އެއީ އޭނާއަށް 16 އަހަރު ފުރުނުތާ ދެ ދުވަސް ފަހުންނެވެ.
ޖޭލީގު ރެކޯޑު މުގުރާލުމަށްފަހު، ކޫބޯ ބުނީ، އޭނާއާ މެސީއާ އަޅައިކިޔަން، އޭނާ ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ކޮންމެ ވެސް ދުވަހަކުން މެސީ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން ބޭނުން ކަމަށެވެ.
ކޫބޯ ވަނީ، މީގެ ދުވަސްކޮޅެއް ކުރީން، ބާސާގެ ޔޫތު ޓީމާއެކު ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އޭނާއަށް "ޖަޕަނީޒް މެސީ"ގެ ނަން ދިނީ އެދުވަސްވަރުއެވެ.