މެލޭޝިއާގައި ކުރިޔަށްދާ އޭސީސީ 19 އަހަރުންދަށުގެ ކްރިކެޓް ޗެލެންޖްކަޕްގެ ތިން ވަނަމެޗްގައި ކުވޭތާ ބައްދަލުކޮށް 257 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

އިއްޔެގެ މެޗުގައި ޓޮސް ދިމާވެގެން ރާއްޖެ ޤަސްދުކުރީ ހޮވުމަށެވެ. އެގޮތުން ކުވޭތު ކުޅެންއަރާ 50 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 355 ލަނޑުވަނީ ހަދާފަ އެވެ. ދިވެހި ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 10 އޯވަރަށް 66 ލަނޑަށް ދެ ވިކެޓްނެގި އަޙްމަދު އަމީލެވެ.

ޖަވާބުގައި ދިވެހި ޓީމް ކުޅެންއަރާ 18.01 އޯވަރުގެތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. މެޗްގައި އެންމެ މޮޅަށް ކުޅުނީ 48 ލަނޑު ހެދި މުޙައްމަދު ރިޝްވާނެވެ. އަދި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކުވޭތު ޓީމްގެ ރާމިރު ޢިނާޔަތެވެ.

މެޗުން ރާއްޖެ ބަލިވުމުން ދެން ބައްދަލުކުރާނީ ފަސް ވަނަ ނުވަތަ ހަވަނަ ހޮވާ މެޗްގައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ.