14 May 2010, 15:13
19:00
އިސްލާމާއި ދިވެހި އިޚްތިޔާރީ ދެ މާއްދާއަކަށް ހެދުމަކީ ޤައުމުގެ މުސްތަޤްބަލް ހަލާކުކޮށްލައި، ޤައުމު ސެކިއުލަރ ކުރުމަށް އެޅޭ ފުރަތަމަ ބިންގާ ކަމަށާއި، އެއީ ޣައިރު ދީނުގެ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ޖަރީމާއެއް ކަމުން އެކަމާ ދެކޮޅަށް މުޅި ގައުމުގައި މުޒާހަރާ ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
މިކަމަށް ގޮވާލައި އަދާލަތު ޕާޓީން ބުނެފައިވަނީ، އަވަސް ފުރުސަތެއްގެ ތެރޭގައި ހުއްޓުމެއްނެތި މުޅި ޤައުމުގައި ހަޅުތާލުކޮށް ޤާނޫނު އަސާސީން ލިބިދޭ ބާރުތައް ބޭނުންކޮށްގެން ރައްޔިތުން އަޑު ނުއުފުލައިފިނަމަ މިބައިމީހުން މި ނުބައިވެގެންވާ ނިންމުމަށް ޢަމަލުކުރާނެ ކަމަށެވެ. ވީމާ މުޒާހިރާ ކުރުމަށް އަވަސް ވެގަތުމަށް ވެސް އަދާލަތުން ވަނީ ގޮވާލައިފަ އެވެ.
އަދާލަތުން އަދި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 36 ވަނަ މާއްދާ އާއި، އެމްޑީޕީ އިއްތިޙާދުގެ މެނިފެސްޓޯގެ ދީނީ ސިޔާސަތާއި، ކަރިކިއުލަމާ ބެހޭ ޤައުމީ މަހާސިންތާގެ ނިންމުންތަކާ ޚިލާފަށް އެޑިއުކޭޝަން މިނިސްޓްރީން ކަރިކިއުލަމަށް ގެންނަން ނިންމަވާފައިވާ މި ބަދަލަކީ، ޤައުމު ކަންބޮޑުވުމެއްގެ ތެރެއަށް ވައްޓާލި ބަދަލެއް ކަމަށެވެ. އަދި މިމައްސަލައިގައި ޢަދާލަތު ޕާޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީއާއެކު ބޭއްވި ބައްދަލުވުމުގައި މިކަމާ މައްސަލަ ޖައްސާ ބަޔަކަށް އުޅޭނީ ޢަދާލަތު ޕާޓީ އެކަނި ކަމަށް ވިދާޅުވެ އެ ނިންމެވުން ބަދަލު ނުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށް ވެސް އަދާލަތުން ބުނެ އެވެ. އަދި އިސްލާމްދީނާއި، ދިވެހި ބަހަކީ ދިވެހި އުންމަތުގެ ބިންގާ ކަމަށާއި، ސަގާފަތާއި ޢަޤީދާގެ އަސްލު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކޮންމެ ޤައުމެއްގެ ތަޢްލީމީ ފަލްސަފާގެ ތެރޭގައި އެ ޤައުމެއްގެ ސަގާފަތާއި އަޤީދާއަށް އޮންނަ އިޖްބާރީ ފުރްސަތު ހަނިކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން މިހާރު ވެސް އެ ދެމާއްދާ އަކީ ދިވެހި ރާއްޖޭގެ ސާނަވީ މަރްޙަލާގެ އިޖްބާރީ ދެމާއްދާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދާލަތުން އަދި ބުނެފައި ވަނީ، އިސްލާމްދީނުގެ ސައްހަ މަޢުލޫމާތު ދަރިވަރުންނަށް އުނގަންނައި ދޭންޖެހޭ މި ފަދަ ދުވަސްވަރެއްގައި ހުޅަނގު މީހުންގެ ބަހަށް ހެއްލި ޤައުމުގެ ތަޖްރިބާކާރުންނާއި، ވިސްނުންތެރިންނާއި، ރައްޔިތުންގެ ވިންދާ، ދިމާ އިދިކޮޅަށް ތަޢުލީމީ ފަލްސަފާ ކަނޑައެޅުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ރަލުގެ މައްސަލައިގައި ބޭއްވި ފަދަ، ނުވަތަ އެއަށް ވުރެންވެސް ބޮޑުވެގެންވާ އެއްވުމެއް މުޅި ޤައުމުގައި އެއްވަގުތެއްގައި އިންތިޒާމުކޮށް ބާއްވައި ޢިލްމާނީ، އެތީސްޓް ވިސްނުމުން މިޤައުމުގެ ތަޢްލީމީ ފަލްސަފާ ދޮވެލަން ވެސް އަދާލަތުން ވަނީ ގޮވާލައިފަ އެވެ. އަދި އެނޫން ގޮތަކަށް އެޑިއުކޭޝަން މިނިސްޓަރ ހަމަ ބިމަށް ފައިބައިވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށާއި، މިކަމުގައި އިސްލާމް މާއްދާއާއި ދިވެހި މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ބޭއްވުމާ މެދު ދެބަސްވާނެ ބަޔަކީ ހަމަ އެކަނި ޢަދާލަތު ކަމުގައި ވިދާޅުވުމަކީ، އެޑިއުކޭޝަން މިނިސްޓަރގެ ދުރުވިސްނުމެއްނެތްކަމުގެ ޤަރީނާއެއް ކަމަށް ވެސް އަދާލަތުން ބުނެފައިވެ އެވެ.