ރިޔާޒް (އެޕްރީލް 17): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމުގެ ފުރުސަތު ނުދޭނެކަން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރަޝިޔާއިން ހާމަކޮށްފިއެވެ.

ރަޝިޔާގެ އިއްތިޙާދީ މަޖިލިސް ނުވަތަ ޕާލަމެންޓްގެ ރައީސާ ވެލަންޓީނާ މާތްވިޔިންކޯ، ސައޫދީ އަރަބިޔާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިޔާއިން ބައްޝާރުގެ ވެރިކަން ހިމާޔަތްކުރަން ބޭނުންނުވާކަމަށާ ނަމަވެސް އޭނާގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ފުރްސަތު ނުދޭނެކަން ސައޫދީ ރަސްގެފާނަށް ދެންނެވި ކަމުގައެވެ.

ވެލަންޓީނާ ވިދާޅުވީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލައިފިނަމަ އެ ގައުމުގައި ދެން ހިނގާނެ ދާޚިލީ ހަނގުރާމަ މިހާރު ހިނގާ ހަނގުރާމައަށްވުރެ އެތަށް ގުނައެއް ލޭއޮހޮރުވުން ބޮޑުވެ އަނިޔާވެރިވާނެ ކަމަށާ އެފަދަ ހާލަތެއްގައި ސޫރިޔާ މުޅިން ބައިބައިވެ އެގައުމުގައި ސުންނީ ދައުލަތަކާއި ކުރުދީ ދައުލަތަކާއި ތުރުކުމާނުންގެ ދައުލަތަކާއި އަލަވީންގެ ދައުލަތަކާއި ދުރޫޒުންގެ ދައުލަތެއް އުފަންވާނެކަމުގައެވެ.

ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުން ސޫރިޔާގެ މައްސަލަ ހައްލުނުވާނެ ކަމަށާ އޭގެބަދަލުގައި، ގައްޒާފީގެ ވެރިކަން ވައްޓާލުމުން ލީބިޔާގެ މުޅި ދައުލަށް ރޫޅި ތިން ސަރުކާރު އުފެދުނުގޮތަށް ސޫރިޔާގެ ދައުލަތްވެސް ރޫޅި ތަޅާފޮޅާ އެތަށް ސަރުކާރުތަކެއް އެގައުމުގައި އުފެދިގެންދާނެކަން ސައޫދީ ރަސްގެފާނަށް ދެންނެވި ކަމަށް ވެލަންޓީނާ ވިދާޅުވިއެވެ.

ގަދަބާރުން ސަރުކާރުތައް ވައްޓާލާ އެއްވެސް ގައުމަކަށް ހަމަޖެހުން ލިބިފައިނުވާކަން ބަޔާން ކުރައްވަމުން ވެލަންޓީނާ ވަނީ ޔޫރަޕްގައި ޔުގޮސްލޭވިޔާ ރޫޅުނުގޮތަށް، ސައްދާމަށްފަހު އިރާގު ރޫޅިގެންދިޔަ ގޮތާއި ޒިޔާދުބަރީގެ ވެރިކަން ވައްޓާލުމަށްފަހު ސޮމާލިޔާގެ ދައުލަތް ބައިބައިވެގެން ދިޔަ ގޮތްތަކުގެ މިސާލުތަކުން މިސާލު ޖައްސަވާފައެވެ.

ވެލަންޓީނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން މަސައްކަތްކުރަނީ ބައްޝާރު ވެރިކަމުގައި ބެހެއްޓުމަށް ނޫންކަމަށާ އޭނާއަށްފަހު ސޫރިޔާގައި ވެރިކަންކުރާނެ ފަރާތަކާމެދު ސޫރިޔާގެ ހުރިހާ ފަރާތްތަކެއް އެއްބަސްވުމަކަށް ގެނައުމަށް ކަމުގައެވެ. މިކަމުގެ ބޭނުމަކީ ތަޅާފޮޅާ ކުދިކުދި ދައުލަތްތަކަކަށް ސޫރިޔާ ބައިބައިވުމުގެ ފުރްސަތު ނުދިނުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ބައްޝާރަށްފަހު ސޫރިޔާގައި ވެރިކަންކުރާނެ ފަރާތެއްއެކަށައެޅުމުގައި އެއްބަސްވުމަކަށް އައުމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ނާކާމިޔާބުވެފައިވާކަން ވެލަންޓީނާ ފާހަގަ ކުރެއްވިއެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި ވާދަވެރި 500 އަށްވުރެ ގިނަ ޖަމާއަތްތައް ސޫރިޔާގައި ހަނގުރާމަ ކުރެއެވެ. މިހުރިހާ ޖަމާއަތްތަކަކީވެސް އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ޖަމާއަތްތަކެކެވެ.

ސައޫދީ އަރަބިޔާއަކީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ފާޅުގައި ގޮވާލާ ގައުމެކެވެ. އަދި ސައޫދީ އަކީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ހަނގުރާމަކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އެންމެ ބޮޑަށް މާލީގޮތުންނާއި ހަތިޔާރުގެ ގޮތުން އެހީތެރިވާ ގައުމުވެސް މެއެވެ. ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކުރީ މިޖަމާއަތްތަކުންނެވެ. އަދި މިޖަމާއަތްތަކަކީ ބައްޝާރު ސަރުކާރު ފަދައިން ސޫރިޔާގެ އާންމުންނަށް ހަމަލާދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ޖަމާއަތްތަކެކެވެ.

ވެލަންޓީނާ ސައޫދީ އަރަބިޔާއަށް ވަޑައިގެންނެވީ ސައޫދީ ސަރުކާރުގެ ދައުވަތަކަށެވެ. ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިއަދުވަނީ ޔަމާމާ ގަނޑުވަރުގައި އެކަމަނާއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ވެލަންޓީނާ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެ ޚާއްސަ ސިޓީއެއް ސަލްމާން ރަސްގެފާނަށް އަރުވާފައެވެ. މި ސިޓީގައި ޕޫޓިންވަނީ ރަޝިޔާއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމުގެ ދައުވަތު ސަލްމާން ރަސްގެފާނަށް އަރުވާފައެވެ. ސަލްމާން ވަނީ އެދައުވަތު ގަބޫލު ކުރައްވާފައެވެ. ނަމަވެސް ސަލްމާން ރަޝިޔާއަށް ވަޑައިގަންނަވާނެ ތާރީޚެއް އަދި ކަނޑައަޅުއްވާފައެއް ނުވެއެވެ.

ރަޝިޔާއާއި ސައޫދީއަކީ ސޫރިޔާގެ މައްސަލާގައި ދިމާ އިދިކޮޅުގައި ވާ ދެ ގައުމެވެ. ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ފާޅުގައި ސައޫދީން މަސައްކަތްކުރާއިރު ބައްޝާރުގެ ވެރިކަން ދިފާއު ކުރުމުގައި އިސް ދައުރެއް އަދާކުރަނީ ރަޝިޔާއެވެ. އަނެއްކޮޅުން ސައޫދީއަކީ ރަޝިޔާއާ އިދިކޮޅު އެލަޔަންސްގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ގައުމެކެވެ. ރަޝިޔާއާ އިދިކޮޅު އެލަޔަންސްގައި ހިމެނެނީ ސައޫދީ އާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ގަތަރެވެ. ރަޝިޔާއާއެކުގައިވާ ގައުމުތަކަކީ ޗައިނާއާއި އީރާންއެވެ. ތުރުކީ އަކީ ދެއަތަށް ކިރިކިރި އޮންނަ ގައުމެކެވެ. (ނޫސްއެޖެންސީތައް)