މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް 200 މިލިޔަން ޑޮލަރުގެ ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި 200 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ކުރުމަށް ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ވިސާމް ވިދާޅުވީ މި އިންވެސްޓްމެންޓްތައް މައިގަނޑު ގޮތެއްގައި ރެޖިސްޓްރީކޮށްފައި ވަނީ 10 ކުންފުންޏަކުން ކަމަށާއި އޭގައި ބޮޑަށް ހިމެނެނީ ޓޫރިޒަމްގެ ދާއިރާއިން ކޮށްފައިވާ އިންވެސްޓްމެންޓްތައް ކަމަށެވެ.

މިނިސްޓްރީން ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީ ކުރަނީ، ރަޖިސްޓްރީ ކުރާ އަދަދުގެ ފައިސާ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝަރުތުކޮށެވެ.

މީގެ ކުރިން ވިސާމް ހާމަކުރައްވާފައިވާ ގޮތުގައި، މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެ އަށް ވަނީ 1.6 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓުތައް ކުރުމުގެ ހުރުމުގެ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި 80 ޕަސަންޓަކީ ޓޫރިޒަމްގެ ދާއިރާގައި ކޮށްފައިވާ އިންވެސްޓްމެންޓްތަކެވެ.