ފެމެލީ ޕްރޮޓެކްޝަން އެޖެންސީއަށް މިދިޔަ އަހަރު ހުށައެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގައި ދެ ޖިންސުގެ ގިނަ ބަޔަކު ޝިކާރައަކަށްވެފައިވާކަން ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

ގެވެށި އަނިޔާގެ ގާނޫނަށް އަމަލުކުރަން ފެށިތާ މިއަހަރަށް ފަސް އަހަރުވެފައިވާ އިރު މިދިޔަ އަހަރު އެކަނި ވެސް ގެވެށި އަނިޔާގެ 642 މައްސަލަ ވަނީ ހުށައަޅާފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ހުށައަޅާފައިވަނީ 438 މައްސަލަ އެވެ.

މިދިޔަ އަހަރު ހުށައެޅި މައްސަލަތަކުގެ ތެރޭގައި 170 ފިރިހެނުން ގެވެށި އަނިޔާގެ މައްސަލަތަކުގެ ޝިކާރައަކަށްވެފައިވާ އިރު 558 އަންހެނުން ވެސް ވަނީ އެފަދަ އަމަލުތަކުގެ ޝިކާރައަކަށްވެފަ އެވެ.

އެމައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ބަހުގެ ހަމަލާ އާއި ޖިސްމާނީ އަނިޔާތައް ކުރުމެވެ. ބިރު ދެއްކުމުގެ އެތައް މައްސަލައެއް ވެސް ހުށައަޅާފައިވެ އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން 24 މީހުންނަށްވަނީ ނަފްސާނީ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކެވެ.

ގެވެށި އަނިޔާ ލިބެމުންދާ މީހާއަށް ރައްކާތެރިކަން ހޯދައިދިނުމަށް ނެރޭ ރައްކާތެރިކުރުމުގެ އަމުރުގެ 27 އަމުރު މިދިޔަ އަހަރު ވަނީ ނެރެފަ އެވެ. އޭގެ ތެރޭފައި އަވަސް އަމުރުގެ 10 އަމުރު ހިމެނެ އެވެ.

ގެވެށި އަނިޔާކުރާ މީހުންގެ ތެރެއިން 38 މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމަށްވާއިރު އޭގެ ތެރެއިން 35 މީހުންނަކީ ފިރިހެނުންނެވެ. އަދި ތިން އަންހެނުންނެވެ.