މުޅިން އާ ކޯހަކާއެކު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އަންނަ ޖޫން މަހު އައިޔޫއެމުން ޖުމްލަ 40 ކޯހަކުން 1240 ފުރުސަތު ހުޅުވާލާފައިވާއިރު، އެ ޔުނިވާސިޓީގައި އަލަށް ފަށަން ހަމަޖެހިފައި ވަނީ އިންގުލިޝް ފޯ ޖެނެރަލް ޕާޕަސްގެ ކޯހެކެވެ. މިއީ ސެޓްފިކެޓް ދޭއް ފެންވަރުގެ ކޯހެކެވެ.

އެ ކޯހުގެ އިތުރުން އަންނަ ޖޫން މަހު އެ ޔުނިވާސިޓީގައި މާސްޓާސް ފެންވަރުގެ ހަތަރު ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ކޯހަކާއި ބެޗްލާސް ޑިގްރީގެ އަށް ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ހަތް ކޯހަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

އޭގެ އިތުރުން އެޑްވާންސް ސެޓްފިކެޓާއި ސެޓްފިކެޓް ހަތަރެއް ލެވެލްގެ ކޯހަކާއި ސެޓްފިކެޓް ތިނެއް އަދި ދޭއްގެ ދެ ކޯހަކާއި ސެޓްފިކެޓް އެކެއްގެ ހަތަރު ކޯހެއް އަދި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހުގެ ލެވެލް އެކެއް ހިމެނެއެވެ.

އައިޔޫއެމުން ބުނީ، އެ ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އަންނަ ޖޫން މަހުގެ ކުރިން ޔުނިވާސިޓީގެ ރިސެޕްޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.