17 Apr 2017, 13:15
ސްޕެނިސް ލަ ލީގާގައި ކުޅޭ ކުޅުންތެރީންގެ ތެރޭން ޓްރާންސްފާ މާކެޓްގައި އެންމެ އަގުބޮޑު ކުޅުންތެރިއަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އެވެ. އެކަން އެގޮތަށް ވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ވެސް ނޫނެވެ. ސަބަބު ލަ ލީގާގެ ތަފާސް ހިސާބުތަކުން ވަރަށް ސާފެވެ.
ބާސާގެ ސުޕަރސްޓާ މެސީ މިސީޒަންގައި ވަނީ، ޖުމުލަ 29 ލީގު ލަނޑު ޖަހައިފަ އެވެ. އަދި މިސީޒަންގެ މިހާތަނަށް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ލިބެނީ މެސީއަށެވެ. ލީގުގައި އެހެން ކުޅުންތެރީން ވެސް ގިނަ ލަނޑުތަކެއް ޖަހާފައި އެބަހުއްޓެވެ. އެހެން ނަމަވެސް މެސީ ޖަހާފައިވާ ލަނޑުގެ އަދަދަށް ވުރެ ބޮޑަށް، އެ ލަނޑުތައް މުހިއްމުވާ ސަބަބެއް އެބަ އޮތެވެ.
މެސީ ވަނީ، އޭނާ ކާމިޔާބުކުރި ލަނޑުތަކުން، އެހެން ކުޅުންތެރީން ހޯދިވަރަށް ވުރެ ގިނަ ޕޮއިންޓު ހޯދައިފަ އެވެ. މިހާތަނަށް ލީގުގައި މެސީ ޖެހި 29 ލަނޑުން ބާސާއަށް މުހިއްމު 17 ޕޮއިންޓު އޭނާ ހޯދާފައިވެ އެވެ.
17 - Lionel Messi has won more points with his goals than any other player in La Liga this season (17 points with 29 goals). Vital.pic.twitter.com/bOEPRugQOh
— OptaJose (@OptaJose)April 15, 2017
މިފަހަރުގެ ލީގު ޓައިޓްއަށް ބާސާ ވާދަކުރުމުގައި އެންމެ ބޮޑު އެހީއެއް ލިބިދެނީ މެސީގެ ލަނޑުތަކުންނެވެ. އެގޮތުން، އެންމެ ފަހުން ރެއާލް ސޮސިއެޑާޑް އަތުން 3-2 މޮޅުވެ ބާސާ މުހިންމު ތިން ޕޮއިންޓު ހޯދި އިރު އެ މެޗުގައި މެސީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ 75 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ރެއާލާ ތިން ޕޮއިންޓު ގާތަށް ބާސާ ޖެހިލައި، ރޭހުގައި ދެމިއޮތުމަށް ލިބުނު މުހިންމު ތިން ޕޮއިންޓެވެ. އެހެން ކަމުން މެސީއާ ނުލައި ބާސާ އޮންނާނޭ ހިސާބު ވެސް ތަސައްވަރުކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ދެން އޮތީ މެސީ ލަނޑު ޖަހަނީ އެހެން ކުޅުންތެރީން އޭރިޔާތެރޭން ހޯދައިދޭ ފުރުސަތުތަކުންނޭ ބުނެ އުފައްދައިފާނޭ ސުވާލެވެ. އޭގެ ޖަވާބު ވެސް އެބަ އޮތެވެ. މިސީޒަންގައި ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގަށް ބަލާއިރު ވެސް ޕެނަލްޓީ އޭރިޔާ ބޭރުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ މެސީ އެވެ.
7 - Lionel Messi has scored more goals from outside the box than any other player in Europe's top five leagues this season. Torpedo.pic.twitter.com/ZeeCUaYRzV
— OptaJose (@OptaJose)April 15, 2017
ކުރިއަށް އޮތީ މެސީގެ ވިސްނުމާއި މޮޅު ކުޅުން ބާސާއަށް ވަރަށް މުހިއްމު ހަފްތާއެކެވެ. ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަތުން 3-0 ލަނޑުން ބަލިވި މެޗު އަނެއްކޮޅަށް ބަދަލުކޮށްލަން ނުކުންނައިރު، އޭގެ ކުރީން ކުރިއަށް އޮތް ހަފްތާ ބަންދުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ވަރުގަދަ ކްލެސިކޯ މެޗު އޮތީ އެވެ. ފަހަރެއްގައި މި މެޗަކީ މިފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކުރާނޭ ޓީމެއް ކަނޑައެޅިގެން ދާނޭ ނަތީޖާ ފެނިގެން ދާނޭ މެޗަށް ވުންވެސް ދުރެއް ނޫނެވެ.