އެމްއެމްޕީއާރުސީގެ ހިޔާނާތުގެ "ފައިސާ ގޯނި ހިފައިގެން" ބަހަން ދިޔަ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި މައްސަލަ ފުލުހުންވެސް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެކަން ބަލަމުން އަންނަ ކަމަށާއި އިތުރު ތަފްސީލެއް ހާމަކުރެވޭނީ ތަހުގީގަށް ފަހު ކަމަށެވެ.

މީގެ އެއް އަހަރު ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އެ މައްސަލާގެ ތަފްސީލެއް ހޯދުމަށް މިއަދު ކުރި މަސައްކަތުން އޭސީސީގެ ބަހެއް ނުލިބޭތީ މައުލޫމާތު ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން-- ސަންފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިދިޔަ އަހަރު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ވިދާޅުވީ އެއްވެސް މެމްބަރަކީ އަނެއް މެމްބަރަކަށް ވަގަށް ގޮވަން "މާ ރީތި" މީހެއް ނޫން ކަމަށާއި އެމްޑީޕީގެ މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އެނގޭ ކަމަށެވެ. "އެ ފައިސާ ގޯނި" ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގަތީ އޭނާ ކަމަށް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

"މި ތަނުގައި އެކިއެކި ބޭފުޅުން ވަގުންގެ ވާހަކަ އާއި ފައިސާ ނެގި ވާހަކަ ދައްކާކަށް މާ ރީއްޗެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން އެ ބޭފުޅުން ކައިރިއަށް ހިނގީ އަޅުގަނޑު. އެ ބޭފުޅުން ވަނީ ފައިސާ ކާލައިފައި،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ: ދީނާ ހިލާފުނުވެ، މަޖިލީހުގައި ދެއްކި ވާހަކައަކަށް ފިޔަވަޅު ނޭޅޭނެ

ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށައެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މެމްބަރު މުހައްމަދު އިސްމާއިލް އަމިއްލަފުޅަށް ރިޝްވަތު ބެހުމުގައި ބައިވެރިވި ކަމަށް ވިދާޅުވުމަކީ ދީނާއި ފުށުއަރާ މައްސަލައަކަށް ވާތީ އެ މައްސަލަ ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލައަކީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތެވެ. އެހިޔާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުކުރެވެނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ސަރުކާރުގެ ވެރިންގެ މައްޗަށެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައިވާގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރައެވެ.