17 Apr 2017, 12:35
އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު ވާދަ ކުރުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސް މިއަދު އިންޑިއާ އަށް ފުރައިފި އެވެ.
މިވަގުތު މާލޭ ލީގުގެ އެއް ވަނަ މަގާމުގައި އޮތް މާޒިޔާ އިން އިންޑިއާގެ ކަލްކަތާ އަށް ދިޔުމަށް ފުރާފައި ވަނީ މިއަދު ހެނދުނު ވަގުތެއްގަ އެވެ.
މާޒިޔާ އިން އޭއެފްސީ ކަޕްގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި އިރު ރާއްޖޭގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ.
ބެންގަލޫރު އެފްސީއާ ކުޅުން މެޗަށް ފަހު މާޒިޔާގެ ކޯޗު މަރިޔަން ސެކުލޮސްކީ ބުނީ އެ މެޗުން ބަލިވި ނަމަވެސް އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި މެޗުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ބުނީ އެ ދުވަހު މާޒިޔާ އަށް ލިބުނީ ރަނގަޅު ފިލާވަޅެއް ކަމަށާއި ކުރިއަށް އޮތް މެޗުތަކުގައި ނަތީޖާ ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މޯހަން ބަގާންއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ އިރުއޮއްސި 6:30 ގަ އެވެ. އަދި މާދަމާ ހަމަ މިގުރޫޕްގެ މެޗެއް ކުރިއަށްދާނެ އެވެ. އެންމެ ފަހުން މާޒިޔާ އަތުން މޮޅުވި ބެންގަލޫރު އެފްސީ އެ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށެވެ.
މާޒިޔާ ނިސްބަތްވާ ގުރޫޕް އީގެ ނަތީޖާތަކަށް ބަލާއިރު ބެންގަލޫރު އެފްސީ އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނައިގަ އެވެ. އަދި މޯހަން ބަގަން ދެވަނާގައި އޮތް އިރު ތިންވަނާގައި އޮތީ މާޒިޔާ އެވެ.