17 Apr 2017, 12:29
ކީރިތި ޤުރުއާނަށް އިޙްތިރާމް ކުޑަވާގޮތަށް ދައުލަތުގެ ޕިކަޕެއްގައި މުސްހަފްތަކެއް އުފުލި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ބަޔާން ނަގައިފިއެވެ.
މިދިޔަ މަހު ފަހުކޮޅު ވަނީ ޕިކަޕެއްގައި ކުނި އުފުލާ ގޮތަށް މުސްހަފްތަކެއް އުފުލާފަ އެވެ. އެއްވެސް ތަރުތީބެއް ނެތި އެތަކެތި ޕިކަޕުގައި އުފުލިއިރު ޕިކަޕު ފަހަތުގައި ދެ ބިދޭސީން ވެސް ތިއްބެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ އެކަމާ ގުޅޭ ފަރާތްތަކުގެ ބަޔާންނަ ގައި އިތުރަށް ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން އެ މައްސަލަ ބަލާ ނިމުމުން އިތުރަށް އަޅަންޖެހޭ ފިޔަވަޅެއްވާނަމަ ފިޔަވަޅުއަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ މުސްހަފުތަކަކީ ކޮންތަކުން ކޮން ތަނަކަށް ގެންދިޔަ އެއްޗެއްކަން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން މުސްހަފް ފަދަ ތަކެތި ގެންގުޅެން ޖެހޭނީ އެއަށް އިހްތިރާމް ލިބޭގޮތަށެވެ.