ބޮލީވުޑް ކުޅަދާނަ ފިލްމީ ތަރި ކަރިޝްމާ ކަޕޫރާއި އޭނާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރޫގެ ވަރީގެ ކަންކަން މިދިޔަ އަހަރުގެ ތެރޭގައި ނިމިފައިވާއިރު، ކަރިޝްމާ މިހާރު ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭ ވާހަކަ ވަނީ ދެކެވެން ފަށާފައެވެ.

ކަރިޝްމާ ވަރިކުރުމަށްފަހު ސަންޖޭ ވެސް ވަނީ އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޕްރިޔާ ސަޗްދޭވްއާ ކައިވެނިކޮށްފަ އެވެ. ކަރިޝްމާ ވެސް މިހާރު އަންނަނީ ދެ ވަނަ ކައިވެންޏަކަށް ތައްޔާރުވަމުންނެވެ.

ރިޕޯޓްތަކުން އެނގޭ ގޮތުގައި ކަރިޝްމާ މިހާރު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަނީ ކުރިން މީހަކާ އިނދެ ދަރިން ވެސް ހުންނަ މީހަކަށެވެ. އޭނާ ލޯބީގެ ގޮތުން ވާހަކަ ދައްކަމުން އަންނަނީ މުންބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަންދީޕް ތޮށްނިވާލްއާ އެވެ. ސަންދީފްގެ މިހާރުގެ އަންހެނުނަށް މައްސަލަ ތަކެއް ޖެހިފައިވާއިރު ސަންދީޕް ބޭނުން ވަނީ އަވަހަށް އަންހެނުން ވަރިކޮށް ކަރިޝްމާއަށް ކައިވެނި ކުރާށެވެ.

ކަރިޝްމާ އާއި ސަންޖޭގެ ވަރި ކޯޓުން ސާބިތުވި ފަހުން ކަރިޝްމާ އެކު ސަންދީޕް ވަރަށް ގިނައިން ފެނެއެވެ. އެގޮތުން ކަރިޝްމާގެ ބައްޕަ ރަންދީރް ކަޕޫރުގެ އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން ވެސް ކަރިޝްމާ އާއެކު ސަންދީޕް ފެނިގެން ގޮސްފައިވާއިރު، ކަޕޫރް އާއިލާގެ އެހެނިހެން ހަފްލާތަކުގައި ވެސް ސަންދީޕް ވަނީ ބައިވެރިވެފައެވެ.

އަބީޝޭކް ބައްޗަން އަށް ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު ކަރިޝްމާ ވަނީ ކައިވެނިކުރަން އެންގޭޖް ވެސް ކޮށްފައެވެ. ނަމަވެސް ޖެހުނު މައްސަލަ ތަކަށް ފަހު ރުޅިވެ، ސަންޖޭއާ ކައިވެނި ކުރީ 2003 ވަނަ އަހަރުއެވެ. ނަމަވެސް ސަންޖޭއާ ހުރި ކައިވެނި ރޫޅުނުއިރު އެ ކައިވެންޏަށް ދެކުދިން ވެސް ލިބިފައިވެ އެވެ.