ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޔުނިވަސިޓީން މިއަދު ބުނެފި އެވެ.

ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސެން ހަލީމް މިއަދު ވިދާޅުވީ ވައިސް ޗާންސެލަރު ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވަގުތީ ގޮތުން ވައިސް ޗާންސެލަރުގެ މަގާމު ފުރުއްވަމުން އަންނަ ޑރ. ހަސަން ހަމީދާއި ޑެޕިއުޓީ ވައިސް ޗާންސެލަރު، އެކަޑަމިކްގެ މަގާމުގައި ހުންނެވި ޑރ. އަލީ ފަވާޒް ޝަރީފު ކަމަށެވެ.
ވައިސް ޗާންސެލަރު ކަމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުން ، އެ ބޭފުޅުން ޔުނިވަސިޓީއާ މެދު ގެންގުޅުއްވާ ތަސައްވުރާ ބެހޭ ގޮތުން ދެއްވާ ޕްރެޒެންޓޭޝަން ހުށައެޅުއްވުން އަންނަ އާދީއްތަ ދުވަހުގެ ރޭ ޔުނިވަސިޓީގައި އޮންނާނެ ކަމަށް ހުސެން ހަލީމު ވިދާޅުވި އެވެ.

ހަލީމު ވިދާޅުވީ ވައިސް ޗާންސެލަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން ހުށައަޅުއްވާ ޕްރެޒެންޓޭޝަން އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަކުން ބަލައި މާކްސް ދޭނެ ކަމަށާއި އެއަށް ފަހު އެކޮމެޓީން ތައްޔާރުކުރާ ރިޕޯޓް ޔުނިވަސިޓީ ކައުންސިލަށް ހުށައަޅާނެ ކަމަށެވެ.

"އެރިޕޯޓް ބެއްލެވުމަށް ފަހު ވައިސް ޗާންސެލަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ]ޔުނިވަސިޓީ[ ކައުންސިލުން، ކައުންސިލްގެ ޖަލްސާއެއްގައި." ހުސެން ހަލީމު ވިދާޅުވި އެވެ.