މި މަހުގެ ހަ ވަނަ ދުވަހު ވެލިގާ ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޭސްބުކާއި ޓްވިޓާގައި ކުރިއަށް މިދިޔަ ހަފްތާގެ ތެރޭގައި "ހުރަހެއް" ދިމާވީއެވެ. ނަމަވެސް އެ ހުރަސް ފަހަނަ އަޅައި، ވެލިގާއިން މިހާރު ދަނީ، އަހަރީ ދުވަހުގެ މުނާސަބަތުގައި ދޫކޮށްލަން ނިންމި އައިފޯން 7 ރެޑު ލިބޭނެ ނަސީބުވެރިޔާ ހޮވުމުގެ މަސައްކަތް ކުރަމުންނެވެ.

ވެލިގާ ހާޑްވެއާގެ ޝެއާ އެންޑް ވިން މުބާރާތް ކުރިޔަށް ގެންދިޔަ ފޭސްބުކް ޕޯސްޓް އެތައް ބަޔަކު ލައިކްކޮށް ޝެއާކޮށް ހެދި ފަހުން "ގެއްލުނީ"އެވެ. ވެލިގާއިން ބުނި ގޮތުގައި އެ ޕޯސްޓް ގެއްލުނު އިރު އެއަށް ޖުމްލަ 4،694 ލައިކު، 7،730 ޝެއާ އަދި 8،893 ކޮމެންޓު ލިބިފައި އޮތެވެ.

މިދިޔަ ހުކުރު ދުވަހު ނަގަން އޮތް ގުރުއަތު ނުނެގި، މުބާރާތް ހުއްޓުނީ ފޭސްބުކްގެ އެ ޕޯސްޓު ގެއްލުމުންނެވެ.

ނަމަވެސް މި ހާލަތުވެސް ވެލިގާއިން ރަނގަޅަށް ދަނީ ހެންޑްލް ކުރަމުންނެވެ.

ވެލިގާ ހާޑްވެއާއިން ބުނި ގޮތުގައި އެކުންފުނީގެ ސޯޝަލް މީޑިއާތަކުގައި ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނުގެ ގުރުއަތުލުން މިރޭ ކުރިޔަށް ދާނެއެވެ.

ވެލިގާއިން ދިނީ އިތުރު ފުރުސަތެކެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ވެލިގާގެ ފޭސްބުކް ޕޭޖުގައި ލައިކު ކުރި، އަދި ޓުވިޓާގައި މުބާރާތުގައި ބައިވެރިވި ހުރިހާ އެންމެންނަށް އައިފޯން 7 ރެޑު އެޑިޝަން ހޯދުމަށް ވާދަކުރުމުގެ ހައްގު އެބަ އޮތް ކަމަށް ވެލިގާއިން ބުންޏެވެ.

ވެލިގާގެ ވެބްސައިޓުގައި،މުބާރާތުގައި ބައިވެރިވި އެންމެންގެ ފޭސްބުކް ނޭމްސް އަދި ޓުވިޓާ ހެންޑްލްތައް ލިސްޓު ކުރެވިފައި މިހާރު ވާނެއެވެ. ވެލިގާއިން ބުނީ، މުބާރާތުގައި ބައިވެރިވި، ނަމަވެސް ލިސްޓުގައި ނަން ނެތް ފަރާތްތަކުން މިއަދު ހަވީރު 6:00 ގެ ކުރިން ވެލިގާއަށް އަންގަން އެދޭ ކަމަށެވެ.

ވެލިގާގެ ވެބްސައިޓުގައިވާ ލިސްޓުގައި ހިމެނޭ ނަންތައް މިހާރުވެސް ރޯލް ވަމުންދާ އިރު، ވެލިގާއިން ބުނީ މިރޭ 9:00 އަށް އެ ނިމި، ނަސީބުވެރިއަކު ހޮވޭނެ ކަމަށެވެ.