މަލައިކާ އަރޯރާ ޚާން އާއި އޭނާގެ ފިރިމީހާ އަރްބާޒް ޚާންގެ 18 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައި މިހާރު ދެމީހުންގެ ވަރީގެ މައްސަލަ ކޯޓުގައި އޮތް ނަމަވެސް، އަރްބާޒް ޑައިރެކްޓު ކުރާ ފިލްމު 'ދަބަންގް 3'ގައި މަސައްކަތް ކުރާނެ ކަމަށް މަލައިކާ ބުނެފި އެވެ.

މަލައިކާ އާއި އަރްބާޒަކީ ބޮލީވުޑުގެ އެންމެ ހިތްގައިމު ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ނަމަވެސް ދެ މީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް އިތުރުވެ، މައްސަލަތައް ހައްލު ނުކުރެވުމުގެ ސަބަބުން މިހާރު ވަނީ ވަރިވާން ނިންމައިފަ އެވެ. އަދި މި މަހުގެ ތެރޭގައި ވަރީގެ ހުރިހާ ކަމެއް ނިމޭނެ ކަމަށް ބެލެވެ އެވެ.

ދެމީހުން ވަރިވާން ނިންމިކަން އިއުލާންކޮށް ވަކިން ދިރިއުޅެން ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ދެމީހުން ވަކިވުމަށް ފަހު ވެސް ފެނިގެން ދިޔައީ ވަރަށް ގުޅިގެން އުޅޭ މަންޒަރެވެ.

ދެމީހުން ވަނީ އާއިލާ އާއެކު ވަރަށް ފަހުން ރާއްޖެ ވެސް އައިސްފައެވެ. ނަމަވެސް ދެމީހުން އަލުން ނުގުޅޭނެ ކަމަށް ބުނެފައި ވާއިރު، އަރްބާޒް މިހާރު ވަނީ ރޯމޭނިއާ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިފައެވެ. އެއާއެކު މަލައިކާ އާ އެންމެ ގިނައިން ކުރިމަތިކުރިވި ސުވާލަކީ އަންނަ އަހަރު މަސައްކަތް ފަށާ އަރްބާޒްގެ ފިލްމު 'ދަބަންގް 3' ގައި އޭނާ ބައިވެރިވާނެތޯ އެވެ.

މަލައިކާ މިވަނީ އަރްބާޒް އާ ދެމީހުންގެ ކަައިވެނި ރޫޅި ވަރިވި ނަމަވެސް، އެ ފިލްމުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. 'ދަބަންގް'ގެ ފުރަތަމަ ދެ ފިލްމުގައި ވެސް މަލައިކާ ފެނިގެން ގޮސްފައި ވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައެވެ.

މަލައިކާ ބުނީ 'ދަބަންގް 3' ގައިވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. މޮޑެލް ކުރުމުގެ އިތުރުން ބައެއް ޓީވީ ޝޯތަކުން ވެސް ފެނިގެން ދާ މަލައިކާ ބުނީ އޭނާ ބޮޑު ސްކްރީނުން ފެނުމަކީ ވަރަށް ދުރު ކަމެއް ކަމަށެވެ.