17 Apr 2017, 00:52
ގައުމުގެ ކަންތައްތަކުގައި ފާޑުކިޔަން ނުތިބެ، ގައުމު ތަރައްގީގެ ހަނގުރާމައިގައި ބައިވެރިވުމަށް ޔުނިވާސިޓީތަކުން ދަސްވެނިވާ ދިވެހި ދަރިވަރުންނަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ، ޔުނިވާސިޓީއަކަށް ނިސްބަތްވެ، އެ ޔުނިވާސިޓީއަކުން ދަސްވެނިވުމަށްފަހު ޔުނިވާސިޓީގެ ނަން ހިފެހެއްޓުމަކީ ދަސްވެނިވާ ދަރިވަރުގެ ބޮލުގައި އެޅޭ ގައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ.
އެ ޒިންމާ ނެގުމުގެ އިތުރުން އެ މީހަކު ކިޔެވި ރޮނގަކުން ގައުމު ތަރައްގީ ކުރުމަށް ހިދުމަތް ކުރުމަށް ނުވަތަ ފަސޭހަ ކަމާއެކު ގައުމުގައި ސަރުކާރުން ކުރާ ކަންތައްތަކަށް ގޮތް ކިޔަވަން ވެސް ތިބެވިދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ގައުމަށް ދިމާވާ އެންމެ އުދަނގޫ މަރުހަލާތަކުގައި ހިދުމަތް ކުރަން ނުކެރޭނަމަ، ތައުލީމުގެ ބޭނުމެއް ނެތް ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބްކަން ވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވީ، މުޖުތަމައުއާއި އަހުލާގީ ފެންވަރު ރަނގަޅުކޮށް ބަހުސްތައް އިލްމީ ބަހުސްތަކަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ހަމައެކަނި "އެކަކު އަނެކަކު ޔޯލަޔޯލަ ކޮށްލާފަ އެކަކު އަނެކަކުގެ އަބުރާ ބެހެވުނީމަ އެއީ ޒިންމާ ނެގުނީ އެއް ނޫން" ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޔޫއިން ދަސްވެނިވި ދަރިވަރަކަށް ރައީސް އޮފީހުގެ މިނިސްޓަރު އާޒިމާ ޝަކޫރު ސަނަދު ހަވާލުކުރައްވަނީ-- ފޮޓޯ/ އެމްއެންޔޫ
އެކަމަނާ އިތުރަށް ވިދާޅުވީ، މީހެއްގެ އަޑުގަދަވުމަކީ ފެޝަނަކަށް ވެދާނެ ކަމަށާއި ނަމަވެސް ތައުލީމީ ގޮތަކީ އިލްމާއި ހުނަރާއި އަހުލާގާއެކު ކުރިއަށް ދިއުން ކަމަށެވެ. އެހެންކަމުން ދަރިންނަށް ރަނގަޅު ގޮތެއް ހޯދައިދޭން ބޭނުންވާނަމަ ގައުމުގެ ތަރައްގީގެ ހަނގުރާމައިގާ ވެސް ބައިވެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ކުރާ ބަހުސްތަކުގެ ސަބަބުން ރަނގަޅުނޫން މައުލޫމާތު ފެތުރޭކަން ފާހަގަކުރައްވައި އާޒިމާ ވަނީ، މުޖުތަމައުގައި މިއަދު މުހިއްމީ "ކާކު ކާކަށް ކޮންކަމެއްތޯ ކޮށްދޭން އޮތީ" ބެލުމަށްވުރެ ތައުލީމީ ގޮތެއްގައި ބަހުސްކުރެވި ކަންތައްތަކަކަށް އިލްމީ ގޮތުން ހައްލުތަކެއް ގެނައުންކަމަށް ފާހަގަކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގައި އިލްމީ ބަހުސް ތަކަކަށް ފުރުސަތު ދޭންޖެހޭ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވާ މުއައްސަސާއަކީ ގައުމީ ޔުނިވާސިޓީކަން ވެސް އާޒިމާ ފާހަގަކުރެއްވިއެވެ. އަދި ގައުމީ ބަހުސްތަކާއި ދިރާސާތަކުގައި އިސްނަގާ ތަނަކަށް ގައުމީ ޔުނިވާސިޓީ ވުމަށް އެކަމަނާ އެދިވަޑައިގަތެވެ.
"ޔޯލަ ކޮށްލާފަ ބުނާ ކޮންމެ އެއްޗަކީ ހަގީގަތެއްގެ ގޮތުގައި ގަބޫލުކުރާނަމަ ގައުމު އާރާސްތެއް ނުކުރެވޭނެ،" އާޒިމާ ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީން 800 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެ، ސަނަދު ހާސިލްކޮށްފައެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން 74 ޕަސެންޓަކީ އަންހެނުންނެވެ.