17 Apr 2017, 00:56
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން 800 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި އެ ކޮލެޖުގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 88 ކޯހަކުން 827 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގިނައީ ބެޗްލާސް ޑިގްރީ އާއި ޑިޕްލޮމާގެ އިތުރުން އެޑްވާންސް ސެޓްފިކެޓްގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނެވެ.
އެގޮތުން މާސްޓާސް ފެންވަރުގެ 12 ކޯހަކުން 71 ދަރިވަރުން ދަސްވެނިވިއިރު، ޕޯސްޓް ގުރެޖުއޭޓް ފެންވަރުގެ ދެ ކޯހަކުން ދެ ދަރިވަރަކު އަދި ބެޗްލާސް ޑިގްރީގެ 32 ކޯހަކުން 393 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.
އޭގެ އިތުރުން އެޑްވާންސް ޑިޕްލޮމާގެ 3 ކޯހަކުން 12 ދަރިވަރަކާއި ޑިޕްލޮމާ ފެންވަރުގެ 21 ކޯހަކުން 180 ދަރިވަރުން ދަސްވެނިވިއިރު، އެޑްވާންސް ސެޓްފިކެޓްގެ 13 ކޯހަކުން 150 ދަރިވަރުން އަދި ސެޓްފިކެޓް ލެވެލްގެ 5 ކޯހަކުން 19 ދަރިވަރަކު ވަނީ މިރޭގެ ރަސްމިއްޔާތުގައި ދަސްވެނިވެ، ސެޓްފިކެޓް ހާސިލް ކޮށްފައެވެ.
ގައުމީ ޔުނިވާސިޓީން އެންމެ ގިނަ އަދަދަކަށް ދަރިވަރުން ދަސްވެނިވެފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) އާއި ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް) އަދި ފެކަލްޓީ އޮފް ޝަރީއެންޑް ލޯ (އެފްއެސްއެލް) އިންނެވެ.
އެގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަނުން އެކަނިވެސް 207 ދަރިވަރުން ދަސްވެނިވިއިރު، ގިނައީ ސެކަންޑަރީ ޓީޗިން އިން ބެޗްލާސް ހާސިލްކުރި ދަރިވަރުންނެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައިންސް އިން 178 ދަރިވަރަކު ދަސްވެނިވިއިރު، ގިނައީ އެކި ދާއިރާތަކުން ނަރުސްކަން ކިޔެވި ދަރިވަރުންނެވެ.
އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 100 ދަރިވަރަކު މިރޭގެ ރަސްމިއްޔާތުގައި ދަސްވެނިވިއިރު، އެ ދަރިވަރުންގެ ތެރޭގައި ގިނައީ ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ (ހޮނާސް) އިން ދަސްވެނިވި ދަރިވަރުންނެވެ.
މިރޭ ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް ތިނެއް ނުވަތަ އެއަށްވުރެ މަތި ހޯދުމާއެކު އެކިއެކި ކޯސްތަކުން އެއްވަނަ ހޯދާފައިވާ ފަރާތްތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވަނީ 22 ދަރިވަކު ހާސިލް ކޮށްފައެވެ.