ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ ބަންދުގެ މުއްދަތު ނުވަ ވަނަ ފަހަރަށް އިތުރުކޮށް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ޒައިދުގެ ގާނޫނީ ވަކީލު މަހްފޫޒް ސައީދު 'ސަން' އަށް ވިދާޅުވީ، މިއަދު ފުލުހުންގެ ބަންދުން، ގޭ ބަންދަށް ޒައިދު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތުގެ ގޮތުގައި 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ޒައިދު ހައްޔަރުކޮށްފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ޒައިދުގެ މައްޗަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގެ އިތުރުން ފުލުހުން ކުރާ ތުހުމަތުތަކަކީ ދައުލަތުގެ އިސްވެރިންތަކެއްގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރުމުގެ ތުހުމަތެވެ.

މީގެ ކުރިންވެސް ކޯޓުން ވަނީ، ޒައިދު ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު، ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.