ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މޯބައިލް ފޯން، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގާސިމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން އަތުލާފައިވާކަން އެމަނިކުފާނުގެ ގާނުނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ އަލްއުސްތާޛާ ހިސާން ހުސެން ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހިސާން ނުދެއްވައެވެ.

ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ގާސިމް އިބްރާހިމްގެ އަމިއްލަ ގެކޮޅު، މ. މާފަންނުވިލާ އާއި އެމަނިކުފާނުގެ އަމިއްލަ ކުންފުނި ވިލާ ގްރޫޕުގެ މައި އޮފީސް ހިންގާ އިމާރާތް ވެސް ބަލައި ފާސްކޮށްފައެވެ.

ވިލާ ގްރޫޕުގެ އޮފީސްތައް ހިންގާ މ. ވިލާ ބިންޑިންގާއި މާފަންނު ވިލާއަށް ފުލުހުން ވަދެފައި ވަނީ ގާސިމްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅޭ ހެކި ހޯދުމެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ސޮއިކުރައްވައި ވިލާ ބިލްޑިންގ ފާސްކުރަން ނެރުނު އަމުރުގައި ބުނެފައި ވަނީ އެތަން ބަލައި ފާސްކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމާއި ގައުމުގެ އަމާންކަން ގެއްލުވާލަން އުޅޭ ކަަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުން ހުރި ތަކެތި ފޮރުވާފައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މާފަންނު ވިލާ ބަލައިފާސްކުރުމަށްފަހު، ފުލުހުން އެގެއިން ނުކުތުމުން ހިސާން ހުސައިން ވިދާޅުވީ ފުލުހުން ތުހުމަތު ކުރާ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ގާސިމްގެ ގެކޮޅުން ފެނިފައި ނުވާ ކަމަށެވެ.