ރަށު ކައުންސިލަށް ތުއްތަބޭ ކުރިމަތިލީ ސަރުކާރު ހިންގާ ޕާޓީންނެވެ. މިހާރު ވެސް ކައުންސިލްގައި އިންނެވި ދޮންތަބެއަކީ އިދިކޮޅު ޕާޓީގެ ކެނޑިޑޭޓެވެ. ބައްޕަ ހުރީ ސަރުކާރާ އެއްކޮޅަށެވެ. ދޮންތައާއި ތުއްތަ އަނގައިން ނުބުނާތާ ބައްޕައާއި ދޮންތަ މިވަނީ އާއިލާއާ ގުޅުން ކެނޑިފަ އެވެ. މިއީ ކުރުގޮތަކަށް މިހާރުގެ ހާލަތެވެ.

ސިޔާސީ ކަންކަން ހައްދު ފަހަނައަޅާފައިވާ މިރާއްޖޭގައި ކޮންމެ އިންތިހާބަކާ އެކު އެތައް ބައިބައިވުމެއް އުފެދެ އެވެ. ބައެއް ފަހަރު ދެމަފިރީން ވަރިވާ ހިސާބަށް ކަންކަން ގޮސް، އެނޫން އެތައް ބަޔަކު މޫނު ކެނޑިފައި އެބަހުއްޓެވެ. އާއިލީ ގުޅުންތައް ކަނޑައި ދުވަސްވީ ރަހުމަތްތެރިން އަނގައިން ނުބުނާ ހިސާބަށް ކަންކަން ގޮސްފައި އެބަހުއްޓެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ބަލާއިރު އެ އިންތިހާބަކީ ޕާޓީ ބައިބައިވުމުގެ އިތުރުން އާއިލީ ފޯރިގަދަ އިންތިހާބެކެވެ. ގާބިލްކަމެއް ނެތަސް ބޮޑު އާއިލާއަށް ނިސްބަތްވާ މީހާ މަގާމު ހޯދާ އިންތިހާބެވެ. ކިތަންމެ ބޭނުން ނޫނަސް އާއިލާމީހާ ވީމާ ވޯޓްލާން ވަނީ މަޖުބޫރުކޮށްފަ އެވެ. އެހެން ނޫން ނަމަ ގުޅުންތައް ކަނޑަނީ އެވެ.

އާއިލީ ގުޅުން ނުކަނޑާ، އެއީ ފާފައެއް!

ޝެއިހް ހަސަން މޫސާ ފިކްރީ ވިދާޅުވީ ރަހިމުގެ ގުޅުން ކެޑުމަކީ ވަރަށް ދެރަކަމެއް ކަމަށާއި ރަހިމުގެ ގުޅުމަކީ ހުރިހާ ގުޅުމަކަށް ވުރެ ވަރުގަދަ ގުޅުމަކަށްވާން ޖެހޭ ކަމެއް ކަމަށެވެ.

"ރަހިިމުގެ ގުޅުމަކީ ﷲ ސުބުހާނަހޫ ވަތައާލާ އެ ގުޅުމެއް ގުޅުވާފައިވާ ގުޅުން، އެގުޅުން ކެނޑުމަކީ ކޮށްގެންވާނެ ކަމެއްނޫނެ،" ޝެއިހް ވިދާޅުވި އެވެ.

ޝެއިހް ވިދާޅުވީ ހުރިހާ ކަމެއް ބައްޓަންކުރަން ޖެހޭނީ އާއިލީ ގުޅުމަށް ބުރޫ ނާރާނެެހެން ކަމަށެވެ.

ޑިމޮކުރަސީއާ ޚިލާފް، ނަތީޖާ ހިތި!

ސިޔާސީ ފަރާތްތައް ބުނާ ގޮތުން މިގައުމު ވަނީ ޑިމޮކުރަސީއަށް ފައްކާވެފަ އެވެ. ޑިމޮކްރަސީ އަކީ ރައްޔިތުންގެ ވެރިކަމެވެ. ބާރުތައްވާނީ ބެހިފަ އެވެ. އެހެންކަމުން އެމީހެއްގެ ވެރިން އިހުތިޔާރު ކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންވެ އެވެ.

ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ އަދި ގާނޫނީ ވަކީލެއްކަމަށްވާ މުހައްމަދު ޖައުޝަން ޝަރީފް، ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ މައި ކޮންސެޕްޓަކީ އެމީހަކު ވޯޓްލާނެ މީހެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންދިއުން ކަމަށެވެ.

ގާބިލް މީހާ ހުއްޓައި އާއިލާ ބޮޑު މީހާ ނުވަތަ ގިނަ މީހުން ނިސްބަތްވާ ޕާޓީ މީހާ މަގާމަށް ހޮވުމުން ކުރަންޖެހެނީ ވަރަށް ވެސް ހިތި ތަޖުރިބާއެކެވެ. ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތެއް ނުލިބެ އެވެ.

ޖައުޝަން ވިދާޅުވީ ނާގާބިލް މީހުން މަގާމުތަކަށް އިންތިހާބު ކުރުމުން، ފަންނީ މަސައްކަތް ކުރަން ޖެހުމުން އެހެންމީހެއްގެ ފައިބުޑަށް ވެއްޓެން ޖެހޭ ކަމަށެވެ. ނުވަތަ އެހިދުމަތެއް ކޮށެއްނުދެ އެވެ.

"ގާބިލް މީހާ ހޮވީމާ ބިޒްނަސް ޕްރޮޕޯސަލް ހަދަންވީމަ ހަދަން އިނގޭނީ. އަދި އެފަދަ ފުރުސަތުތަކުން ރަށަށް ފައިދާވާ ފަދަ ރޭވުންތައް ރާވަން އިނގޭނީ. އެހެން ނޫން ނަމަ ޖެހޭނީ މީހަކަށް އަޅުދާސްވާން،" ޖައުޝަން ވިދާޅުވި އެވެ.

ނުފޫޒުން އެއްކިބާވެގެން ވޯޓް ލައިގެން ނޫނީ ގާބިލް ފަރާތްތަކަށް ފުރުސަތެއް ނެތެވެ. އާއިލާއިން ދައްކާ މީހާ ނުވަތަ ޕާޓީން ދައްކާ ކޮންމެ މީހަކަށް ވޯޓްދީގެން އެކަށޭނަ ހިދުމަތެއް ނުލިބޭނެ އެވެ.

"އިހުލާސްތެރިކަން ހުންނަންޖެހެނީ. ރެގިއުލޭޓްކުރަން ޖެހޭ ގާނޫނުގެ ތެރެއިން. ގާނޫނު ހަދާ މީހުންނާއި ތަންފީޒު ކުރާ މީހުން އިހުލާސްތެރިވާން ޖެހޭ. އެކަމަކު ތަންފީޒެއް ނުވޭ،" ޖައުޝަން ވިދާޅުވި އެވެ.

ޑިމޮކްރަސީއަށް ވަކާލާތުކުރާ މިމުޖުތަމައުއިން ޑިމޮކުރަސީގެ ރީތި މިސާލުން ނަމޫނާ ދައްކަން ޖެހެ އެވެ. ވޯޓް އެއީ ތިމާގެކަމުގެ ގުޅުމާ ގުޅުން އޮންނަކަމެއް ނޫންކަން ގަބޫލުކުރަން ޖެހެ އެވެ. ކޮންމެ އިންތިހާބަކާ އެކު ވާ ބައިބައިވުން ހުއްޓުމަކަށް ގެންނަންޖެހެ އެވެ.