16 Apr 2017, 14:59
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ގެކޮޅު، މ. މާފަންނު ވިލާ އާއި އެމަނިކުފާނުގެ އަމިއްލަ ކުންފުނި ވިލާ ގްރޫޕުގެ މައި އޮފީސް ހިންގާ އިމާރާތް ބަލައިފާސްކޮށްފި އެވެ.
ވިލާ ގްރޫޕުގެ އޮފީސްތައް ހިންގާ މ. ވިލާ ބިންޑިން އާއި މާފަންނު ވިލާއަށް ފުލުހުން ވަދެފައި ވަނީ ގާސިމްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅޭ ހެކި ހޯދުމެވެ.

ގާސިމް އިބްރާޙިމް ގެކޮޅު ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ގާސިމްގެ ވަކީލު ހިސާން ހުސައިން (މ) ހިންގަވާފައި އެ ގެއަށް ވަޑައިގަންނަވަނީ--- ސަން ފޮޓޯ/ އިހްތިޝާމް
ކްރިމިނަލް ކޯޓު ގާޒީ އަބްދުލްބާރީ ޔޫސުފް ސޮއި ކުރައްވައި ވިލާ ބިލްޑިން ފާސްކުރަން ނެރުނު އަމުރުގައި ބުނެފައި ވަނީ އެތަން ބަލައި ފާސްކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަދިނުމާއި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމާއި ގައުމުގެ އަމާންކަން ގެއްލުވާލަން އުޅޭ ކަަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުން ހުރި ތަކެތި ފޮރުވާފައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގާސިމް އިބްރާޙިމް ގެކޮޅު ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި --- ސަން ފޮޓޯ/ އިހްތިޝާމް
މާފަންނު ވިލާ ބަލައިފާސްކުރުމަށްފަހު، ފުލުހުން އެގެއިން ނުކުމެ ވަޑައިގަތުމުން ގާސިމް ވެސް ގެއިން ނުކުމެވަޑައިގެން މީޑިއާއަށް ވިދާޅުވީ ބަލައިފާސްކުރުމުގެ ފުރުސަތު ފުލުހުންނަށް ދޭންޖެހޭނެ ކަމަށާއި އެ ސަރަހައްދަށް އެއްވެ ނުއުޅުމަށެވެ.
ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ފުލުހުން ތުހުމަތު ކުރާ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ގާސިމްގެ ގެކޮޅާއި އޮފީހުން ވެސް ފެނިފައި ނުވާ ކަމަށެވެ.