ރާމަﷲ (އެޕްރީލް 16) : އިސްރާއީލުގެ ޖަލުތަކުގައި 15 އަހަރު ހޭދަކޮށްފައިވާ ފަލަސްތީނުގެ އަންހެއްނެއް ކަމަށްވާ ލީނާ އަލްޖަރްބޫނީ މިއަދު މިނިވަންކޮށްފި އެވެ.

އުމުރުން 43 އަހަރުގެ ލީނާ ހައްޔަރުކުރީ 2002 ވަނައަހަރު އެވެ. ހައްޔަރުކުރުމަށް ފަހު އިސްރާއީލުގެ ކޯޓަކުން ވަނީ އިސްރާއީލާ ދެކޮޅަށްހިންގާ ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތަކުގައި ބައިވެރިވާކަމަށް ބުނެ ލީނާގެ މައްޗަށް 17 އަހަރުގެ ޖަލުހުކުމެއް އިއްވާފަ އެވެ. މިހުކުމް އިސްތިއުނާފް ކުރުމުން ވަނީ 15 އަހަރުގެ ހުކުމަކަށް ބަދަލުކޮށްފަ އެވެ.

ހުކުމުގެ މުއްދަތު އިއްޔެ ހަމަވުމުން އިސްރާއީލުން ވަނީ ލީނާ މިނިވަންކޮށްފަ އެވެ. ލީނާ ޖަލުން މިނިވަންވެގެން ނުކުތްއިރު ފަލަސްތީނުގެ ބައެއް އާންމުންނާއި އޭނާގެ އާއލާގެ މެންބަރުން އޭނާއާ ބައްދަލުކުރުމަށް ޖަލުގެ ކައިރިއަށް ގޮސް ތިއްބެވެ. ޖަލުން ނުކުމެވި އާއިލާގެ މީހުންނާ އަދި ރަހްމަތްތެރިންނާ ބައްދަލުވުމުން ލީނާއަށް އުފަލުން ރޮވުނެވެ.

އެއަށް ފަހު ދިން ބަޔާނެއްގައި ލީނާ ބުނީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 350 އަންހެނުން އަދިވެސް އެބަތިބި ކަމަށާއި އެމީހުންނާ މެދު އިސްރާއީލުން އަމަލުކުރަނީ ވަރަށް އިހާނާތްތެރި ގޮތްތަކަށް ކަމުގަ އެވެ. ފަލަސްތީނުގެ ބައެއް އަންހެނުން އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ވަނީ އެމީހުންގެ ދަރިންނާ ވެސް އެކުގަ އެވެ.

އިސްރާއީލުގެ ޖަލުގައި 15 އަހަރު ހޭދަކުރި އިރު އިސްރާއީލުގެ ފަރާތުން އިހާނާތްތެރި އެތައް އަމަލުތަކެއް ތަހައްމަލްކޮށްފައިވާކަން ލީނާ ހާމަކުރި އެވެ. ލީނާ އަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާއަތަށް ނިސްބަތްވާ މެންބަރެކެވެ. ލީނާގެ ކުށަކީ އިސްރާއީލުން އިސްތިއްމާރުކޮށް އަޅުވެތިކޮށްފައިވާ އޭނާގެ ގައުމު މިނިވަންކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވުމެވެ. ލީނާއަކީ އިސްރާއީލުގެ ޖަލެއްގައި އެންމެ ގިނަދުވަހު ހޭދަކުރި ފަލަސްތީނުގެ އަންހެން މީހާ އެވެ. އިސްރާއީލުގެ އެތައް ޖަލެއްގައި ލީނާ އޭނާގެ ޖަލުމުއްދަތު ހޭދަކޮށްފައިވެ އެވެ. (އަލްޖަޒީރާ)