16 Apr 2017, 14:47
ގައުމީ ޔުނިވަސިޓީގެ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ ޔުނިވަސިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައި ވަނީ 65 ކޯހެއް ކަމަށާއި އެ ކޯސްތަކަށް 3171 ދަރިވަރުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާއިރު ކޯސްތަކަށް ޖާގަ ދިނުމުގައި އިސްކަން ދޭނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމަށް ވެސް ޔުނިވަސިޓީން ބުނެއެވެ.
ޖުލައި އިންޓޭކަށް ކޯސްތައް ހިންގަން ހަމަޖެހިފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، އަދި ލ.ގަމުގައި ހުންނަ ޔުނިވަސިޓީގެ ކެމްޕަސްތަކުންނާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ އައުޓްރީޗް ސެންޓަރުތަކުން ކަމަށް ވެސް ޔުނިވަސިޓީން ބުނެފައެވެ.
އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފައުންޑޭޝަން ލެވެލް 2ގެ 380 ޖާގަ އާއި ސެޓްފިކެޓް ލެވަލް 3، 4 އަދި އެޑްވާންސް ސެޓްފިކެޓް ލެވަލްގެ 1056 ޖާގަ އާއި ޑިޕްލޮމާ އަދި އެޑްވާންސް ޑިޕްލޮމާ ލެވަލްގެ 145 ޖާގަ އާއި ބެޗްލާސް ޑިގްރީގެ 810 ޖާގަ އާއި މާސްޓާސް ޑިގްރީގެ 215 ޖާގައިގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ޑިިޕްލޮމާ ލެވަލްގެ 20 ޖާގައެވެ. އަދި އައުޓްރީޗް ސެންޓަރުތަކުން ތަފާތު އެކި ދާއިރާތަކުން ހިންގާ ކޯސްތަކުން 430 ޖާގަ ވެސް ވަނީ ހުޅުވާލާފައެވެ.